ތަލަވުމާއި ދުރުވާން ބޭނުންތަ؟

ބޮލުން އިސްތަށި ފޭބުމަކީ އާންމު ކަމެކެވެ. ކަމާބެހޭ މާހިރުން ބުނާ ގޮތުން އާންމުކޮށް ކޮންމެ މީހެއްގެ ބޮލުންވެސް ކޮންމެ ދުވަހަކުވެސް އިސްތަށި ފައިބާނެއެވެ. އެއާއެކު އާ އިސްތަށި އުފެދޭނެއެވެ.

އިސްތަށި ފައިބާ މިންވަރަށް އަލުން އިސްތަށި ނުފަޅާ ނަމަ ނޫނީ މާ ގިނައިން އިސްތަށި ފައިބާ ނަމަ ތަލަވުމުގެ މައްސަލަ ކުރިމަތިވާނެއެވެ.

ޑޮކްޓަރެއްގެ ލަފާ ހޯދުން

ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. ފަހަރުގައި ހަމުގެ މައްސަލައެއް ހުރުމުންވެސް އިސްތަށި ފޭބުމަށް މެދުވެރިވެދާނެއެވެ. އެކަން ޔަގީންކުރުމަށް ދާއިރާގެ ހާއްސަ ޑޮކްޓަރަކަށް ދައްކާލާށެވެ.

ދާއިރާގެ ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދައިގެން ނޫނީ އެއްވެސް ބޭހެއް ބޭނުން ނުކުރުމަކީ އެދެވިގެންވާ ކަމެކެވެ. އިސްތަށި ޓްރާންސްޕާންޓް ކުރުމަކީ މިހާރު ލިބެން ހުރި ފަރުވާއެކެވެ. ތަލަވުމުގެ މައްސަލަ ދިމާވެފައިވާ މީހުން އަދި މާޔޫސްވާކަށް ނުޖެހެއެވެ.

ކެއުމަށް ބަދަލު ގެނައުން

އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އެއް ހިއްސާއެއް އަދާކުރަނީ އޭނާ ކެއިންބުއިމުގައި ބޭނުންކުރާ ތަކެއްޗެވެ. ކެއުމުގައި ބޭނުންކުރެވޭ އެއްޗެއްގެ ސަބަބުންވެސް އިސްތަށި ފޭބުމަށް މެދުވެރިވެދާނެއެވެ.

އިސްތަށި އުފެދި، ހެދިބޮޑުވުމަށް ބޭނުންވާ ޕްރޮޓީންސް އާއި ނިއުޓްރިއެންޓް ލިބޭ ކާނާ ކާށެވެ. އަޔަން އަދި ވިޓަމިން އޭ، ސީ އަދި ޑީ ހިމެނޭ ބާވަތްތައް ކެއުމުގައި ހިމަނާށެވެ.

ބާރުގަދަ ކެމިކަލް އެކުލެވޭ އުފެއްދުންތައް ބޭނުން ނުކުރޭ

ބޮލުން އިސްތަށި ފައިބާތީ އެކަން ހައްލުކުރަން ފާޑުފާޑުގެ ތަކެތި އުނގުޅާ ކަމަށް މީހުން ބުނެ އުޅެއެވެ. ބައެއް މީހުން މަޖާޒީ ގޮތުން ބުނެ އުޅެނީ "އަޑީތެޔޮ" ވެސް އުނގުޅައިފި ކަމަށެވެ. ހައްލު ނުލިބޭ ކަމަށެވެ.

އިސްތަށި ފައިބާތީ އެކަން ހައްލުކުރަން ބާރުގަދަ ކެމިކަލް އެކުލެވޭ ތަކެތި އުނގުޅުމަކީ އިސްތަށިތަކަށް ދެވޭ ގެއްލުމެކެވެ. އެހެންވީމާ މިފަދަ ކަންކަމާއި ދުރުވާށެވެ.

ފިކުރުކުރުމާއި ދުރުވެލާ

އެއް ބަޔަކު ބުނާ ގޮތުން، ބޮލުން އިސްތަށި ފައިބާތީ އެކަމާ ވިސްނަން ހަދައިގެން އިސްތަށި ފައިބާ މިންވަރު އިތުރުވީއެވެ. ކަންކަމާމެދު މާބޮޑަށް ވިސްނާ ފިކުރުކުރުމަކީ އިސްތަށި ފޭބުމަށް މެދުވެރިވާނެ ކަމެކެވެ. އެހެންވީމާ ބޭކާރު ފިކުރުތަކާއި ވިސްނުންތަކުން ދުރުވެލާށެވެ.