ކުދިންގެ އަތު ލިޔުން ރީތި ކުރެވިދާނެ ގޮތްތަކެއް
އިމްތިހާނުގައި ދެވޭ ގިނަ ސުވާލުތަކުގެ ޖަވާބު ދަރިވަރުންނަށް އެނގުމު ކަމުގައި ވީނަމަވެސް، ދަރިވަރުގެ އަތުލިޔުން ރީތި ނުވުމުގެ ސަބަބުން އޮޅުން ބޮޅުން އަރައެވެ.
އެންމެ ފުރަތަމަ، އެންމެ މުހިންމު ކަމެއްގެ ގޮތުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެކި ކުދިންގެ އަތުލިޔުމުގެ ފެންވަރު ތަފާތުވާނެ ކަމެވެ. އަތު ލިޔުމަކީ އެއްވެސް ގޮތަކަށް ކުދިންގެ ފިކުރު ނުވަތަ ކިޔެވުމުގައި ކުޅަދާނަ މިންވަރު އަންގައިދޭ އެއްޗެއް ނޫނެވެ.
އެހެން ނަމަވެސް ރީތިކޮށް ލިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. ރީތިކޮށް ލިޔާނަމަ، ކުދިން އިމްތިހާންގައި ލިޔެފައިވަނީ ރަނގަޅަށް ތޯ އަދި މާކްސް ދީފައިހުރީ ރަނގަޅަށްތޯ ދެނެގަންނަން ފަސޭހަ ވެގެންދެއެވެ.
އަތުލިޔުމަކީ ކުދިންގެ ނަތީޖާއަށް ބުރޫ އަރާ ކަމެއް ކަމުން، ގިނަ ބެލެނިވެރިން އެ މީހުންގެ ކުދިންގެ އަތު ލިޔުން ރީތިކުރުމަށް ބާރު އަޅައެވެ. މިއީ ކުދިންގެ އަތުލިޔުން ރީތިކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
ފަންސޫރު ނުވަތަ ގަލަން ހިފަހައްޓާނެ ގޮތް
ގިނަ ފަހަރު ކުދިންނަށް ފަންސޫރު ނުވަތަ ގަލަމުގައި ހިފެހެއްޓެނީ ރަނގަޅަކަށް ނޫނެވެ. ނަތީޖާއެއްގެ ގޮތުން އަތު ލިޔުން ހަޑިވެގެންދެއެވެ. ލިޔަން ގެންގުޅޭ ފަންސޫރު ނުވަތަ ގަލަމުގައި ރީތިކޮށް ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.
ލިޔަން ގެންގުޅޭ ފަންސޫރު ނުވަތަ ގަލަމުގައި ހިފަންވާނީ ބޮޑުވާ އިނގިލި އަދި ޝަހާދަތް އިނގިލި ބޭނުންކޮށްގެންނެވެ. އަދި ގަލަން ނުވަތަ ފަންސޫރުގައި ހިފަހައްޓާއިރު އެހާ ބާރު ނުލާށެވެ.
ލިޔުމުގެ ހަރަކާތްތައް މަޖާ ގޮތަކަށް ކުރިއަށް ގެންދިޔުން
އެއް ޖުމްލައެއް ތަކުރާރުކޮށް ލިޔަމުން ގެންދާނަމަ ކުދިން އަވަހަށް ފޫހިވާގޮތް ދިމާވެއެވެ. ކުދިންގެ އަތުލިޔުން ރީތިކުރަން ހިތްވަރު ދޭން ބޭނުންނަމަ މަޖާ ގޮތަކަށް އެކަން ކުރިއަށް ގެންދާށެވެ.
ކުރޮސް ވޯޑް ޕަޒްލްސް ފަދަ ހަރަކާތްތަކުންވެސް ކުދިންގެ އަތުލިޔުން ރީތި ކުރެވިދާނެއެވެ. ކުލަ ފަންސޫރުން ނުވަތަ ގްލިޓާ ގަލަމުން ލިޔަން އެ ކުދިންނަށް ހަވާލު ކުރެވިދާނެއެވެ.
ކެތްތެރިކަން
އަތުލިޔުމަކީ އެންމެ ދުވަހަކުން ރީތި ކުރެވިދާނެ އެއްޗެއް ނޫނެވެ. މިކަމަށް ވަގުތު ނަގާނެއެވެ. އެހެންކަމުން ކުދިންނާމެދު ކެތްތެރިވާށެވެ. އަދި އެ ކުދިން ލައްވާ ގަދަ ބާރުން ކަންކަން ނުކުރުވާށެވެ. ކުދިންނަށް ކުށެއް ލިޔެވުމުން ހަޅޭލަވާ ނުހަދާށެވެ.
ރޮނގުގެ ތެރޭގައި ލިޔަން ދަސްކޮށްދިނުން
ރޮނގު ދަމާފައި ހުންނަ ފޮތުގައި ލިޔަން ފަރިތަކޮށްދިނުމުން އެ ކުދިންނަށް އަކުރު އެއްވަރަކަށް އަޅަން ދަސްވެ ދެބަހުގެ ދެމެދުގައި ބަހައްޓަންޖެހޭ ދުރުމިން އެއްވަރަކަށް ބަހައްޓަން ދަސްވެއެވެ.
ކުދިންނަށް އެކުދިންގެ ރައްޓެހި ކުދިންގެ ރީތި ލިޔުމާއި އަޅާ ކިޔާ، އެހެން ކުދިންގެ އަތުލިޔުން ކޮޕީކުރުމަށް ބާރު ނާޅާށެވެ. މީގެ ބަދަލުގައި ދަރިފުޅުގެ އަތުލިޔުން ރީތިކުރުމަށްޓަކައި ކެތްތެރިކަމާއެކު މަސައްކަތް ކުރާށެވެ.