86 ކިލޯ އިން 59 ކިލޯއަށް ލުއިކޮށްލި މަމްތާ
ބަރުދަން ލުއި ކުރުމަކީ، އެކަމަށް ހިތްވަރާއި ވަގުތު ބޭނުންވާނެ ކަމެކެވެ. ބަރުދަން ލުއިކުރުމަށް ބޭނުންވާ މީހުންނަށް، އިންޑިއާގެ މަހާރާޝްތްރާގެ ޕޫނޭގެ މަމްތާ ބަޖާޖް ކުރި މަސައްކަތުން ހިތްވަރު ލިބިގަނެވިދާނެއެވެ.
އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 36 އަހަރުގެ މަމްތާގެ ބަރުދަން އެންމެ މައްޗަށް ދިޔައިރު، އޭނާގެ ބަރުދަނުގައި ހުރީ 86 ކިލޯއެވެ.
ބަރުދަން ލުއިކުރަން ކުރި މަސައްކަތް، ޓައިމްސް އޮފް އިންޑިއާއާއި ހިއްސާ ކުރަމުން މަމްތާ ބުނި ގޮތުގައި އެއް އަހަރާއި ފަސް މަސް ދުވަހުގެ މަސައްކަތުން އޭނާގެ ބަރުދަން މިހާރު ހުރީ 59 ކިލޯގައެވެ.
މަމްތާ ބުނީ އޭނާގެ ބަރުދަން، އޭނާގެ ކޮންޓްރޯލުން ދިޔަ ކަމަށެވެ. ބަރުދަން ލުއިކުރަން އަޒުމު ކަނޑައަޅައި މަމްތާ ޖިމަށްދާން ފެށިއެވެ. ފުރަތަމަ ދުވަސްކޮޅު ބައި-ކިލޯ މީޓަރަށްވެސް ނުދުވެވުނު ކަމަށާއި ހިތްވަރާއެކު ކުރި މަސައްކަތުން ބުންވަރު ރަނގަޅުވަމުން ދިޔަ ކަމަށް މަމްތާ ބުންޏެވެ.
މަމްތާގެ ނާސްތާ
ހެނދުނު: ފެނު ކެއްކި ބިސް، ސައި ތަށްޓެއް، 2 ފަރާޓާ.
މެންދުރު: ބޯތަށްޓެއްގެ ދާލް، ފެހި ތަރުކާރީ ކޮޅެއް.
ރޭގަނޑު: ބޯތަށްޓެއްގެ ދާލް ނުވަތަ ސޫޕް، ސެލެޑް އަދި ފެނު ކެއްކި ބިސް ޕޯޝަނެއް.
ކަސްރަތުގެ ކުރިން: ތިން ތަށި ހޫނު ފެން.
ކަސްރަތަށް ފަހު: ކަޅު ކޮފީ އަދި ޕީނަޓް ޕޯޝަނެއް.
މަމްތާ ބުނި ގޮތުގައި، ޑައިޓް ޕްލޭނާއި ހިލާފަށް ބައެއް ދުވަސްތަކުގައި ބިރިޔާނީ އާއި ބަޓާ ޗިކަންވެސް ކެވިފައި ހުންނާނެއެވެ.
ކަސްރަތުތައް ކުރިއަށް ގެންދާއިރު ވެއިޓް ޓްރެއިނިން، ކާޑިއޯ އަދި ފަންޝަނަލް ޓްރެއިނިން ގަވާއިދުން ހަމަހަމަކަމާއެކު ކުރިއަށް ގެންދިޔަ ކަމަށް މަމްތާ ބުންޏެވެ.
މަމްތާ ބުނި ގޮތުގައި ބަރުދަން ލުއިކުރަން މަސައްކަތް ކުރިއިރު އެންމެ އުނދަގޫވީ އޭނާގެ ބަރުދަން އިތުރުވުމުގެ ސަބަބުން އަވަހަށް ވަރުބަލިވުމެވެ. ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނީ މިހާރު ހުރި މިންވަރުގައި ބަރުދަން ހިފެހެއްޓުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.