ލޮނާމެދު ހޭލުންތެރިކުރުވުމަށް ޑަބްލިޔުއެޗްއޯ އިން އާންމުކުރި ޕޯސްޓަރެއް

5 ގްރާމަށްވުރެ މަދުން ލޮނު ބޭނުންކުރަން އިރުޝާދުދީފި

ރެއަކާއި ދުވާލު ފަސް ގްރާމަށްވުރެ މަދުން ލޮނު ބޭނުންކުރުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން އިރުޝާދުދީފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި އިރުޝާދު ދީފައިވަނީ ލޮނާމެދު ހޭލުންތެރިކުރުވާ ހަފުތާއާ ގުޅުވައިގެންނެވެ. ލޮނާމެދު ހޭލުންތެރިކުރުވާ ހަފުތާގެ ގޮތުގައި ފާހަގަ ކުރަނީ މާޗް މަހުގެ 11 އިން 17 އަށެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ ގިނައިން ލޮނު ބޭނުންކުރުމުން ލޭގެ ޕްރެޝަރު އިތުރުވެދާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމަށް މަގުފަހިކުރުވާ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ. ރެއަކާއި ދުވާލު ލޮނު ބޭނުންކުރާ މިންވަރު ފަސް ގްރާމަށްވުރެ މަދުކޮށްފިނަމަ އަހަރަކު 2.5 މިލިއަން ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށްވެސް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ.

ލޮނު ގިނައިން އެކުލެވޭ ކާނާއާ ދުރުވުމަށް ޑަބްލިޔުއެޗްއޯއިން ވަނީ އިރުޝާދުދީފައެވެ. ބަންދުކުރެވިފައިވާ ކާނާ ބޭނުންކުރާއިރު ލޮނާއި ހަކުރު، އިތުރަށް އެއްކުރެވިފައިނުވާ ކާނާ އިހުތިޔާރު ކުރުމަށްވެސް އެ ޖަމިއްޔާއިން ވަނީ އިރުޝާދު ދީފައެވެ.