ސޮނީ ޕިކްޗާސް ނެޓްވޯކްގެ ސީއީއޯ

ކޮވިޑް-19: ސޮނީ ޕިކްޗާސް ނެޓްވޯކުން 100 މިލިއަން ރުޕީސް ހަދިޔާކުރަނީ

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން، ފިލްމް އަދި ޓީވީ އިންޑަސްޓްރީއަށް 100 މިލިއަން ރުޕީސް ހަދިޔާކުރުމަށް އިންޑިއާގެ ސޮނީ ޕިކްޗާސް ނެޓްވޯކުން ނިންމައިފިއެވެ.

އިންޑިއާގެ ސޮނީ ޕިކްޗާސް ނެޓްވޯކުން ހާމަކުރި ގޮތުގައި އެ އެހީއަކީ، އިންޑިއާގެ މީޑިއާ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ދުވަހު މުސާރައަށް މަސައްކަތްކުރާ ފަރާތްތަކަށް މި ދުވަސްކޮޅު ދިމާވެފައިވާ ދަތިތަކާއި ގުޅިގެން އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ވެދޭ އެހީއެކެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި ޓީވީ ސީރީޒް އަދި ފިލްމް ޕްރޮޑަކްޝަން ވަނީ ހުއްޓިފައެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާގައި އެ ދާއިރާތަކުގައި ދުވަހު މުސާރައަށް މަސައްކަތްކުރާ އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންގެ ތެރޭގައި ކެމެރާމަނުންނާއި ލައިޓިން ހެދުމުގައި ހަރަކާތްތެރިވާ މީހުން ހިމެނެއެވެ.

ސޮނީ ޕިކްޗާސް ނެޓްވޯކުން ބުނީ، ވަޒީފާ ގެއްލި ނޭދެވޭ އަސަރުކޮށްފައިވާ މީހުން ހޯދާނެ ކަމަށެވެ. އެފަދަ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ހާއްސަ ކޫޕަނެއް ހިލޭ ފޯރުކޮށްދެވޭނެ ކަމަށާއި ކަނޑައެޅިފައިވާ ފިހާރަތަކުން އެ ކޫޕަނަށް ތަކެތި ނެގޭނެ ކަމަށްވެސް ސޮނީ ޕިކްޗާސް އިން ވަނީ ބުނެފައެވެ.