ޓިކްޓޮކް މަނާކުރުމާމެދު އެމެރިކާ އިން ގޮތެއް ނިންމަނީ
ޓިކްޓޮކް ހިމެނޭ ގޮތަށް ޗައިނާގެ އެޕްލިކޭޝަންތަކެއް އެމެރިކާގައި މަނާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެއެވެ.
ފޮކްސް ނިއުސް އަށް މައުލޫމާތު ދެމުން މައިކް ޕޮމްޕޭއޯ ވިދާޅުވީ އެކަން ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.
އެމެރިކާގައި ޓިކްޓޮކް މަނާކުރުމާމެދު ގޮތެއް ނިންމާނެކަން ހާމަކޮށްފައިވާއިރު، އެގައުމުގެ ބައެއް ފަރާތްތަކުން ވަނީ ޓިކްޓޮކާމެދު ކަންބޮޑުވުންފާޅުކޮށްފައެވެ. އެގޮތުން ޓިކްޓޮކް އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށާއި ޖާސޫސް ކުރާ ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
މައިކް ޕޮމްޕޭއޯ އަށް ރައްދު ދެމުން ޓިކްޓޮކްގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނީ ޓިކްޓޮކްގެ ސީއީއޯ އަކީ އެމެރިކާގެ ރައްޔިތެއް ކަމަށެވެ. ޓިކްޓޮކްގައި އެތައް ސަތޭކަ މުވައްޒަފުންނެއް މަސައްކަތް ކުރަމުންދާއިރު ސަލާމަތާއި ރައްކާތެރިކަމަށް ބަލާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެޕްލިކޭޝަންގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެ އިސްކަންދޭ އެހެން ކަމެއް ނޯންނާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ މައުލޫމާތު ޗައިނާ ސަރުކާރަށް ދީފައި ނުވާނެ ކަމަށާއި އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ މައުލޫމާތު ދޭން އެދުނު ނަމަވެސް އެ މައުލޫމާތު ނުދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޓިކްޓޮކް ހިމެނޭ ގޮތަށް ޗައިނާގެ އެޕްލިކޭޝަންތަކެއް އިންޑިއާގައި މިހާރު ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ވީޗެޓްވެސް ހިމެނެއެވެ.