ފުލުހެއްގެ ރޯލުން އިމްރާން

"މުމްބާއީ ސާގާ" ގައި ލިބުނު ރޯލް ތަފާތު: އިމްރާން

ސަންޖޭ ގުޕްތާ ޑައިރެކްޓްކުރާ ފިލްމް، "މުމްބާއީ ސާގާ" ގައި ކުޅެން ލިބުނު ރޯލަކީ ތަފާތު ރޯލެއް ކަމަށް އެކްޓަރު އިމްރާން ހަޝްމީ ބުނެފިއެވެ.

ގޭންގްސްޓާރުންގެ ވާހަކަ ކިޔައިދޭ މި ފިލްމްގައި ލީޑް ރޯލުން ފެނިގެންދާނީ އިމްރާން ހަޝްމީގެ އިތުރުން ޖޯން އަބްރަހަމްއެވެ. މި ފިލްމްގައި އިމްރާން ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. އަދި ޖޯން އަބްރަހަމް ފެނިގެންދާނީ ގޭންގްސްޓާރެއްގެ ރޯލުންނެވެ.

ދެހާސް ދިހަވަނަ އަހަރު ރިލީޒްކުރި ގޭންގްސްޓާ ފިލްމް "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" އިން ވެސް ފެނިގެންދިޔަ އިމްރާން ބުނީ އެ ފިލްމަށްފަހު އިތުރު ގޭންގްސްޓާ ފިލްމެއް ކުޅެން އޭނާ ހުރީ ބޭނުންނުވެފަ ކަމަށެވެ. އެ ފިލްމުން އާކަމެއް ހާސިލުނުވި ކަމަށްވެސް އިމްރާން ބުންޏެވެ.

ސަންޖޭ ގެނެސްދޭ "މުމްބާއީ ސާގާ" އަކީ "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" އާ އަޅާބަލާއިރު ތަފާތު ފިލްމެއް ކަމަށާއި ފިލްމްގައި ލިބުނު ކެރެކްޓާއާމެދު ހިތްހަމަޖެހޭ ކަމަށް އިމްރާން ވަނީ ބުނެފައެވެ. ފުލުހެއްގެ ގޮތުގައި ހުރެ، ގޭންގްސްޓާރަކާއި ދެކޮޅަށް ކުރާ މަސައްކަތް މި ފިލްމުން ފެނިގެންދާނެ ކަމަށް އިމްރާން ވަނީ ބުނެފައެވެ.

"މުމްބާއީ ސާގާ" ގެ އިތުރު ތަރިންގެ ތެރޭގައި ސުނިލް ޝެޓީ، ޖެކީ ޝްރޮފް އަދި ޕްރަތީކް ބައްބަރު ހިމެނެއެވެ. ކޮވިޑް-19 އާ ގުޅިގެން "މުމްބާއީ ސާގާ" ގެ މަސައްކަތް ހުއްޓިފައިވާއިރު، ފިލްމްގެ ނުނިމިހުރި މަންޒަރުތައް ނެގުމަށް ފިލްމްގެ ކްރޫ ޖުލައި މަހުގެ ތެރޭގައި ހައިދަރްއާބާދަށް ދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.