ކޮވިޑްގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް
ނިމިގެންދިޔަ 2020 ވަނަ އަހަރަކީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނައި އަދި ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވި އަހަރެކެވެ. ހަމައެކަނި އާންމު ފަރުދުންނެއް ނޫނެވެ. ކުންފުނިތަކަށްވެސް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރިއެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލިގެންދިޔައެވެ.
ގޭގައި ތިބެގެންވެސް އޮފީހުގެ މަސައްކަތްކުރުމަކީ ކުރެވޭނެ ކަމެއްކަން އަންގައިދިން
ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން، މުވައްޒަފުން ގޭގައި ބައިތިއްބައިގެން އޮފީހުގެ މަސައްކަތް ކުރުވުމަކީ ކުންފުނިތަކުން ވިސްނާފައި އޮތް ކަމެއް ނޫނެވެ. ގިނަ އޮފީސްތަކުގެ ވެރިން ހީކުރީ، މުވައްޒަފުން ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްކުރާނަމަ އޮފީހުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އޮފީހުގެ މަސައްކަތްތައް ހުއްޓިދާނެ ކަމަށެވެ. ނަމަވެސް ގިނަ ކުންފުނިތަކުން، މި މޮޑެލަށް މަސައްކަތްކޮށް ކާމިޔާބު ހޯދިއެވެ. މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ކުންފުނިތައްވެސް ހިމެނެއެވެ.
ޓެކްނޮލޮޖީގެ މުހިންމުކަން ބޮޑު
މިއަދު ދިރިއުޅުން މިވަނީ ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ. ހާއްސަކޮށް އިންޓަނެޓަށެވެ. ކޮވިޑް-19 ގެ ސަބަބުން، އެންމެންނަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ލިބެންޖެހޭކަން ހާމަވެގެން ދިޔައެވެ. ދަރިފުޅުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހުނެވެ. ޑޮކްޓަރަށް ދެއްކުންވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހުނެވެ. އޮފީހުގެ ބައްދަލުވުންތައް ކުރިއަށް ގެންދަން ޖެހުނީ އޮންލައިންކޮށެވެ. އިންޓަނެޓްގެ ސްޕީޑް ދަށްވުމަކީ މިފަދަ ހާލަތެއްގައި ގިނަ ބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު އުނދަގުލެވެ.
ސާފުތާހިރުކަމުގެ މުހިންމުކަން
މިދިޔަ އަހަރަކީ ސާފުތާހިރުކަމުގެ މުހިންމުކަންވެސް އެންމެންނަށް އަންގައިދިން އަހަރެކެވެ. ސާފުތާހިރުކަމާމެދު ގިނަ ބަޔަކު ސީރިއަސްކޮށް ވިސްނިއެވެ. އަތް ސާފުކުރެވޭނެ އިންތިޒާމުތައް އޮފީސްތަކުގައި ގާއިމު ކުރެވުނެވެ.
އާންމުންނާއި ފޭސް-ޓު-ފޭސް ބައްދަލުވެ ހިދުމަތް ދޭ އޮފީސްތަކުންވެސް، އެ އޮފީސްތަކުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދިނެވެ. މާސްކް، ފޭސް ޝީލްޑް ފަދަ ތަކެތި މުވައްޒަފުންނަށް ފޯރުކޮށްދިން އޮފީސްތައް ގިނައެވެ.
ރަށަށްް ބަދަލުވާން ޖެހުނު
ރަށުން އެކަށީގެންވާ ހިދުމަތްތައް ނުލިބެއެވެ. ރަށުން ވަޒީފާއެއް ނުލިބެއެވެ. ގިނަ ބަޔަކު ވެރިކަށްކުރާ ސިޓީއަށް ބަދަލުވާން ޖެހުނު މައިގަނޑު ދެ ސަބަބަކީ މިއީއެވެ. ކޮވިޑްގެ ސަބަބުން މުސާރަތައް ކުޑަކުރުމާއި އާމްދަނީ ދަށްވެ، ކުލި ދެއްކޭނެ ގޮތް ނެތި ރަށަށް ބަދަލުވާން ޖެހުނު އާއިލާތައް ގިނައެވެ.