ނެއިލް ސެލޫންތަކުގެ މުވައްޒަފުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު

ނިއަފަތި ރީތިކުރުމުގެ ހިދުމަތްދޭ ސެލޫންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ކޮލޮރާޑޯ ބޯލްޑޯ އިން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި، އެފަދަ ސެލޫންތަކުގެ ވައިގެ ތެރޭގައި ސިއްހަތަށް ނުރައްކާތެރި މާއްދާތައް އެކުލެވިގެންވެއެވެ. ނިއަފަތި ރީތިކޮށްދޭ ތަންތަނުގެ މާހައުލަކީ، ތެޔޮ ސާފުކުރާ މަރުކަޒުތަކާއި އޮޓޯ ގަރާޖު ފަދަ، ވައި ނުސާފުވެފައިވާ ތަނެއް ކަމަށް އެ ދިރާސާ ކުރި ޔުނިވާސިޓިން ބުނެއެވެ.

އެހެންކަމުން އެފަދަ ސެލޫންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި ނޭވާލުމުގެ ނިޒާމަށް މައްސަލަ ދިމާވުމުގެ ފުރުސަތުވެސް ބޮޑު ކަމަށް އެ ދިރާސާއިން ވަނީ ހާމަވެފައެވެ.

 

ނެއިލް ސެލޫންތަކަކީ ގިނަ އަދަދަކަށް ކެމިކަލް ބޭނުންކުރާ ސެލޫންތަކެއްކަން ފާހަގަކޮށް، އެ ދިރާސާ ކުރި ޓީމުން ބުނި ގޮތުގައި އެފަދަ މާހައުލެއްގައި ގިނައިރު އުޅުމަކީ، ލުކީމިއާ (ލޭގެ ކެންސަރު) ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެެވެ.

ދިރާސާކުރި ޓީމުން، އެމެރިކާގެ ބައެއް ނެއިލް ސެލޫންތަކުގެ ހާލަތު ބަލާފައިވާއިރު، ގިނަ ސެލޫންތަކަކީ އެންމެ ރަނގަޅަށް ވައި ދައުރު ނުވާ ސެލޫންތަކެއްކަން ވަނީ ފާހަގަކޮށްފައެވެ.