ސްމާޓްފޯނުގެ ވިޔަފާރި 20 އިންސައްތަ ދަށަށް ހިނގައްޖެ

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްމާޓްފޯނުގެ ވިޔަފާރި 20.4 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ގާޓްނާ އިން ހާމަކޮށްފިއެވެ.

ގްލޯބަލް ރީސާޗް އަދި އެޑްވައިޒަރީ ފާމް، ގާޓްނާ އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ސްމާޓްފޯން ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ ފަސް ކުންފުނީގެ ތެރެއިން ވިޔަފާރިއަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރީ ސެމްސަންގަށެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވިކިފައިވަނީ ސެމްސަންގްގެ 55 މިލިއަން ފޯނެވެ. އަހަރުން އަހަރަށް ބަލާއިރު މިއީ ސެމްސަންގް ވިޔަފާރިން 27.1 އިންސައްތަ ދަށްވުމެކެވެ.

އަހަރުން އަހަރަށް ބަލާއިރު، ވާވޭގެ ވިޔަފާރި ވަނީ 6.8 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް ކުއާޓަރުން ކުއާޓަރަށް ބަލާއިރު ވިޔަފާރި 27.4 އިންސައްތަ ކުރިއަރާފައިވާ ކަމަށް ގާޓްނާގެ ދިރާސާއިން ވަނީ ހާމަވެފައެވެ. ގާޓްނާގެ ދިރާސާއިން ހާމަވި ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވާވޭގެ ވިޔަފާރީގެ 42.6 އިންސައްތަ ފޯނު ވިކިފައިވަނީ ޗައިނާގައެވެ.

އެޕަލްގެ ވިޔަފާރި އަހަރުން އަހަރަށް ބަލާއިރު 0.4 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ގާޓްނާ އިން ކުރި ދިރާސާއިން ވަނީ ހާމަވެފައެވެ.