ބައެއް ފަހަރު ޖިމަށް ނުގޮސް އަރާމުކޮށްލުންވެސް ރަނގަޅު

ބަރުދަން ލުއިކުރުމާއި ގުޅޭ ގޮތުން ވާހަކަ ދައްކާއިރު، ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް ހުރެއެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުން ސިއްހަތަށް ފައިދާ ހުރި ޑައިޓެއް އިހުތިޔާރު ކުރުމާއެކު ކަސްރަތު ކުރުމެވެ.

ބައެއް ހާލަތްތަކުގައި، ޖިމަށް ކަސްރަތަށް ނުގޮސް ގޭގައި އަރާމުކޮށްލުންވެސް މާ ރަނގަޅެވެ. ނަމަވެސް މިއީ ކަސްރަތު ނުކުރުމަށް އަބަދު ދައްކާ އުޒުރަކަށް ނުހަދާށެވެ.

ބަލިވެ އުޅުން

ރޯގާ ޖެހުން، ހުން އައުން ނުވަތަ ބޮލުގައި ރިހުން ފަދަ ކަމެއް ހުރި ނަމަ އެންމެ ރަނގަޅީ އެ ދުވަސްކޮޅު ޖިމަށް ނުދިޔުމެވެ. މިއީ ހަށިގަނޑަށް ހަކަތަ ބޭނުންވާނެ ދުވަސްކޮޅެކެވެ. ހަށިގަނޑަށް އަރާމާއި ހަކަތަ ބޭނުންވާ ދުވަސްކޮޅު، ހަށިގަނޑުން ހަކަތަ ބޭރު ކުރުމަކީ އިމިއުން ސިސްޓަމަށް ގެއްލުން ލިބޭނެ ކަމެކެވެ.

ކަސްރަތު ތާވަލުން ދެ ދުވަހެއްގެ ޗުއްޓީއެއް ނަގައި، އަރާމުކޮށްލާށެވެ. މި ދުވަސްވަރު ގިނައިން ފެންބުއިމަށް ހަނދާން ނައްތާނުލާށެވެ.

މަސްގަނޑަށް ތަދު އެރުން

ޖިމަށް ގޮސް ކަސްރަތުކުރަން ފަށާއިރު، މަސްގަނޑަށް ތަދު އެރުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. މިއީ ހަމަ އާދައިގެ ކަމެކެވެ. މިހެން ދިމާވާ ދުވަސްކޮޅު ރަނގަޅީ ޖިމަށް ކަސްރަތު ނުދިޔުމެވެ. އަރާމުކޮށްލާށެވެ. އޭރުން އެ ތަދުން އަރައިގަތުމަށް އަވަސްވާނެއެވެ.

މާބޮޑަށް ނިދިއައުން

ނިންޖަކީ ހަށިގަނޑަށް އެންމެ މުހިންމު އެއް ކަމެވެ. ރޭގަނޑު ލަހުން ނިދާފައި، ހެނދުނާ ޖިމަށް ދިޔުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. ރަނގަޅަށް ނިދި ނުލިބޭނަމަ، ކަސްރަތު ކުރުމަށް ސަމާލުކަން ނުދެވޭނެއެވެ. އެއާއެކު ވަރުބަލިކަން އިހުސާސު ކުރެވޭ މިންވަރު އިތުރުވާނެއެވެ.

ހެނދުނު ޖިމަށް ދާ ގަޑީގައި ނިދި އަންނަ ނަމަ، އެންމެ ރަނގަޅީ ޖިމަށްދާ ވަގުތު ބަދަލުކޮށްލުމެވެ.