ހަކުރު ބަލިން ރައްކާތެރިވާން އެޅިދާނެ ބައެއް ފިޔަވަޅުތައް
ހަކުރު ބައްޔަކީ ދުނިޔޭގައި، އެތައް މިލިއަން ބަޔަކު ތަހައްމަލު ކުރަމުންދާ ބައްޔެކެވެ. މި ބަލީގެ އަސަރުކޮށް، ލޭގައި ހަކުރު ހުންނަން ޖެހޭ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ލޯ އަނދިރިވުމާއި، ކިޑްނީ ފެއިލްވުމާއި، ހިތުގެ ބަލިތަކުގެ އިތުރުންވެސް ނުރައްކާތެރި ބަލިތަކާއި ކުރިމަތިލާން ޖެހިދާނެއެވެ.
އުފާވެރި ޚަބަރަކީ، ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތަކާއެކު، ހަކުރު ބަލިން ރައްކާތެރިވެވިދާނެ ކަމެވެ. މިއީ ހަކުރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ފަސޭހަ ކަންކަމެވެ.
ބަރުދަން ކޮންޓްރޯލް ކުރުން
ބަރުދަން އިތުރުވުމަކީ، ޓައިޕް 2 ޑައިބެޓްސް އަށް މަގުފަހިވާ ކަމެކެވެ. ދުޅަހެޔޮ މިންވަރެއްގައި ބަރުދަން ހުރި މީހަކާއި އަޅާބަލާއިރު، ހަށިގަނޑަށް ނުރައްކާ މިންވަރަށް ފަލަކޮށް ތިބޭ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު 20 ގުނަ އާއި 40 ގުނަޔަށް އިތުރެވެ.
އެހެންކަމުން ބަރުދަން ލުއިކޮށްލުމަކީ ހަކުރު ބަލިން ދުރުވުމަށް ކުރެވިދާނެ ކަމެކެވެ.
ހަރަކާތްތެރިވުން އަދި ޓީވީ ބެލުމަށް ހޭދަކުރާ ވަގުތު މަދުކުރުން
ފަލަ ނޫން ނަމަވެސް، ހަރަކާތްތެރިވެ ނޫޅޭނަމަ ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކަސްރަތު ކޮށްލާށެވެ. މިއީ ބުރަ ކަސްރަތަކަށްވުން ލާޒިމެއް ނޫނެވެ.
ދިރާސާ ކުރާ ފަރާތްތަކުން ލަފާދީފައިވަނީ ދުވާލަކު ބައި ގަޑިއިރު ވަންދެން ހިނގާ އުޅުމަށެވެ. އޭރުން ޓައިޕް 2 ހަކުރު ބަލި ޖެހުމުގެ ފުރުސަތު 30 އިންސައްތައަށް ކުޑަކޮށްދެއެވެ.
ޓީވީ ބަލަން އިންނަނަމަ އެއީ ހަރަކާތް މަދުވުމަށް މެދުވެރިވާނެ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ހަކުރު ބައްޔާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެގެންދެއެވެ.
ޑައިޓް ކުރުން
މިއީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ކެއިން ބުއިމަށް ގެނެވިދާނެ ބައެއް ބަދަލުތަކެވެ.
- ހޯލް ގްރެއިންގެ ބާވަތްތައް ބޭނުން ކުރުން ގިނަކޮށްލާށެވެ.
- ހަކުރު އެކުލެވިގެންވާ ބުއިންތައް ދޫކޮށްލާށެވެ. އޭގެ ބަދަލުގައި ފެން، ކޮފީ ނުވަތަ ސައި ފަދަ ބުއިމެއް އިހުތިޔާރުކޮށްލާށެވެ.
- ސިއްހަތަށް ފައިދާ ލިބޭ ފެޓްސް ހުންނަ ތަކެތި ބޭނުންކުރާށެވެ.
- ގެރި މަސް ފަދަ ތަކެތި ބޭނުންކުރުމުގެ ބަދަލުގައި ނަޓްސް، ތޮޅި، ހޯލް ގްރެއިން، ކުކުޅުމަސް ނުވަތަ ކަނޑުމަސް ބޭނުންކުރާށެވެ.
ކެއުމުގެ ޕޯޝަން ސައިޒް
ލޯ-ކާބް ޑައިޓެއް ގެންގުޅުނު ކަމުގައި ވީނަމަވެސް، ހަކުރު ބަލީގެ ނުރައްކަލުން ސަލާމަތް ވުމަށްޓަކައި އަބަދުވެސް ކުޑަ ޕޯޝަނެއް ގެންގުޅޭށެވެ. ހާއްސަކޮށް ބަރުދަން މާބޮޑަށް ބަރު މީހުން މި ގޮތަށް ކެއުމުގެ އަމަލުތައް ގެންގުޅޭށެވެ. އެފަހަރާ މާގިނައިން ކާލާނަމަ ލޭގައި ހުންނަ ހަކުރުގެ މިންވަރު އަދި އިންސުލިން މަތިވެއެވެ. މިހެންވުމުގެ ސަބަބުން ހަކުރު ބަލީގެ ނުރައްކާ ކުރިމަތިވެއެވެ.