ދަރިމައިވާ އުމުރުފުރައިގެ އަންހެނުންނަށް ފޯލިކް އެސިޑްގެ މުހިންމުކަން
ދަރިމައިވާ އުމުރު ފުރައިގެ ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު 400 މައިކްރޯގްރާމު ފޯލިކް އެސިޑް ނެގުމަށް ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް ބާރު އަޅައެވެ. ފޯލިކް އެސިޑް މިހާ މުހިންމުވަނީ މާބަނޑު ދުވަސްވަރު ދަރިފުޅު އުފެދުމުގައި ސިކުނޑިއާއި މައިބަދައިގެ އުނިކަންކަމުން ދުރުހެލިކުރުމަށެވެ. ފޯލިކް އެސިޑް ކެއުމުން، އުނިކަން ނުހުންނަ ދަރިއެއް ލިބުމުގެ ފުރުސަތު ބޮޑުވެއެވެ.
ފޯލިކް އެސިޑަކީ ވިޓަމިން ބީ އެކެވެ. އަހަރެމެންގެ ހަށިގަނޑު ފޯލިކް އެސިޑް ބޭނުން ކުރަނީ އާ ސެލްސް އުފެއްދުމަށެވެ. މާބަނޑު ނޫން ކަމުގައިވިޔަސް ހަން، އިސްތަށި، ނިޔަފަތިން ކޮންމެ ދުވަހަކުވެސް އާ ސެލްސް އުފައްދާނެވެ. ފޯލިކް އެސިޑަކީ ފޯލޭޓް ގެ ސިންތެޓިކް (ގުދުރަތީ ގޮތުން ނުއުފެދޭ) ބާވަތެކެވެ. ބައެއް ވައްތަރުގެ ހަނޑޫ، ފުއް، އަދި ސީރިއަލް ފަދަ ކާއެއްޗެހީގައި ފޯލިކް އެސިޑް ހިމެނިފައިވެއެވެ.
މާބަނދު ދުވަސްވަރުގެ ކުރިންނާއި މާބަނޑުދުވަސްވަރުވެސް ފޯލިކް އެސިޑް ވަރަށް މުހިންމުވާނެއެވެ. ދަރިފުޅުގެ ސިކުނޑިއާއި މައިބަދަ އުފެދުމުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރަނީ ފޯލިކް އެސިޑެވެ. ހަށިގަނޑަށް ފޯލޭޓް ނުވަތަ ފޯލިކް އެސިޑް މަދުވެއްޖެނަމަ ދަރިފުޅުގެ ސިކުނޑި ނުވަތަ މައިބަދަ ރަނގަޅަށް ނުއުފެދި ހުރެދާނެއެވެ. ނުވަތަ އުނިކަމެއް ހުރުން އެކަށީގެންވެއެވެ. 400 މައިކްރޯގްރާމަށް ވުރެން ގިނައިން ފޯލިކް އެސިޑް ކެއުމުން ވަކި އިތުރު ފައިދާއެއް ނުކުރާނެއެވެ. ނަމަވެސް އިތުރު ސިއްހީ މައްސަލައެއް ހުރެއްޖެނަމަ ޑޮކްޓަރު މިޔައްވުރެ އިތުރަށް ފޯލިކް އެސިޑް ކެއުމަށް އިރުޝާދު ދީފާނެއެވެ.
ބަލިވެއިނުމުގެ ކުރިން ފޯލިކް އެސިޑް ކެއުމުގެ މުހިންމުކަމަކީ މައިބަދަ އުފެދެން ފަށަނީ އެންމެ ފުރަތަމަ 3-4 ހަފްތާތެރޭގައި ވުމުން މި މުއްދަތުގެ ތެރޭގައި ގިނަ އަންހެނުންނަށް ބަނޑު ބޮޑުކަން ނުވެސް އެނގެއެވެ. ވީމާ އަބަދުވެސް ތައްޔާރުގައި ހުރުމަށް ދަރިމައި އުމުރުފުރައިގެ އަންހެނުން ފޯލިކް އެސިޑް ކެއުމަކީ ފައިދާހުރިކަމެވެ.