އަނގައިން ނުބައިވަސް ފިލުވާލާނީ ކިހިނެތް؟

ކޮންމެ ދުވަހަކު ރީތިކޮށް ދަތް އުނގުޅާއިރުވެސް އަނގައިން ނުބައިވަސް ދުވާގޮތް ދިމާވެއެވެ. މިހެން މި ދިމާވަނީ ކީއްވެގެން ހެއްޔެވެ؟ އަނގައިން ވަސް ކަނޑުވާލާނީ ކިހިނެތް ހެއްޔެވެ؟

ނިދައިން ހޭލާ ވަގުތު ނުވަތަ ކެއުމަށް ފަހު އަނގައިން ނުބައިވަސް ދުވާނަމަ އެއީ އާންމުކަމެކެވެ. ނަމަވެސް އަބަދު އަނގައިން ނުބައިވަސް ދުވާކަމުގައިވާނަމަ އެއީ ސަމާލުކަން ދޭންޖެހޭ ސީރިއަސް ކަމެކެވެ.

އަނގައިން ނުބައިވަސް ދުވަނީ، ނޭވާލާ ނިޒާމު ނުވަތަ ސައިނަސްގެ އިންފެކްޝަނެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ކަރުގައި ހުރި އިންފެކްޝަނެއްގެ ސަބަބުންވެސް އަނގައިގައި ނުބައި ވަސް ހުރުން އެކަށީގެންވެއެވެ.

ހަކުރު ބަލީގެ ސަބަބުން އަދި މާބޮޑަށް ފަލަވުމުގެ ސަބަބުންވެސް އަނގައިން ނުބައިވަސް ދުވާފާނެއެވެ. ހަށިގަނޑުގައި ހުންނަ ޓިކްސިންތައް ރަނގަޅަށް ބޭރުނުވުމާއި ކިޑްނީގައި މައްސަލައެއް ހުރުމަކީވެސް އަނގައިން ނުބައި ވަސް ދުވުމަށް މެދުވެރިވެދާނެ ކަމެކެވެ.

އަނގައިން ނުބައި ވަސްދުވާނަމަ ތަންކޮޅެއް ގިނައިން ދަތް އުނގުޅާށެވެ. މަސް، ފިޔާ، ލޮނުމެދު އަދި ތެޔޮ އެކުލެވޭ ތަކެއްޗަކީ އެ ކެއުމުން އަނގައިގައި ނުބައިވަސް ދުވުމަށް މެދުވެރިވާ ތަކެއްޗެވެ. އެހެންކަމުން ކެއުން ގެންގުޅޭ ގޮތް ބަދަލުކޮށްލެވިދާނެއެވެ.

އޭގެ އިތުރަށް ކޮންމެ ދުވަހަކުވެސް ރަނގަޅަށް އަނގަދޮންނާށެވެ. މިކަމަށް މައުތުވޮޝް އެއް ބޭނުން ކުރެވިދާނެއެވެ. އަނގަ ހިކޭކަމުގައި ވާނަމަވެސް އަނގައިން ނުބައިވަސް ދުވާފާނެއެވެ. އެކަން ހައްލުކުރުމަށް ގިނައިން ފެން ބޯށެވެ.