ހެޕީ މާކެޓްގެ ފިހާރައެއް: ފައިލް ފޮޓޯ ހެޕީ މާކެޓް ފޭސްބުކް

ރޯދަ މަސް ނިމެންދެންވެސް ކާބޯތަކެތީގެ އަގު ބޮޑުނުކޮށް ހިފަހައްޓާނަން: ހެޕީ މާކެޓް

ހެޕީ މާކެޓުން ރާއްޖެ އެތެރެކޮށް ވިއްކާ ކާބޯތަކެތީގެ އަގު ރޯދަ މަސް ނިމެންދެންވެސް ބޮޑު ނުކޮށް ހިފަހައްޓާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ސަޕްލައި ޗެއިންއަށް އަންނަ ހީނަރުކަމާއި ރޯދަ މަހު ޑިމާންޑް އިތުރުވުމާއި ގުޅިގެން ކުރިއަށް އޮތް މަސްތަކުގައި ކާބޯތަކެތި ބޭނުންވާ ވަރަށް ނުލިބިދާނެ ކަމާއި ތަކެތީގެ އަގު އުފުލޭނެ ކަމަށް ވާހަކަ ދެކެވެމުންދާއިރު ހެޕީ މާކެޓުން ބުނީ އެ ކުންފުނިން އެތެރެކޮށް ވިއްކާ ހުރިހާ ބާވަތެއްގެ ކާބޯތަކެތިވެސް ރާއްޖެ އެތެރެ ކުރަން ރޭވިފައިވާ ޓައިމްލައިން އާ އެއްގޮތަށް ލިބޭނެ ކަމުގެ ޔަގީންކަން މިވަގުތަށް ލިބިފައިވާކަމަށެވެ.

"ހަމަ އެއާއެކު އެ ހުރިހާ ބާވަތެއްގެ އަގު ރަމަޟާން މަސް ނިމެންދެން ވެސް ބޮޑުނުކޮށް ހިފަހައްޓާނެ ވާހަކަ ދަންނަވަން." ހެޕީ މާކެޓް މެނޭޖްމަންޓުން ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ. "ވަކިން ހާއްސަކޮށް މިކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ފިނިކުރި ކުކުޅާއި ކުކުޅުގެ ބައިތައް އަދި ކުކުޅު ބިހުގެ އަގު މާކެޓްގައި ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް މިކުންފުނީގެ މެނޭޖްމަންޓުން ވަނީ ނިންމާފަ." ބަޔާނުގައިވެއެވެ.

ހެޕީ މާކެޓުން ބުނީ މިއަދުން ފެށިގެން ފިނިކުރި ކުކުޅު، އެ ކުންފުނިން ވިއްކާ އަގު މިވަގުތު ކުރެވޭނެ އެންމެ ބޮޑަށް ދަށްކުރެވިފައިވާ ކަމަށެވެ.
"އަދި ﷲ ގެ އިރާދަފުޅާއެކު މި އަގުތައް ރަމަޟާން މަސް ނިމެންދެންވެސް މިގޮތުގައި ހިފެހެއްޓުމަށް މިކުންފުނީގެ މެނޭޖްމަންޓުން ވަނީ ނިންމާފަ." ހެޕީ މާކެޓްގެ ބަޔާނުގައިވެއެވެ.

ހެޕީ މާކެޓްއަކީ ކާބޯތަކެތީގެ ބާވަތްތައް ފުޅާ ދާއިރާއެއްގައި ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެކެވެ.