ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ ހިދުމަތުގެ ފީތައް ކަނޑާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުދި ވިޔަފާރިތަކަށް ފަހިވާ ގޮތަށް އެ ބޭންކްގެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުޅުވާލައިފިއެވެ.
ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުޅުވާލުމާއެކު އެ ހިދުމަތް ލިބިގަތުމަށް މިހާރު ދައްކަންޖެހޭ ސެޓަޕް ފީ އާއި މަހަކު އެއްފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުނެގުމަށް ބޭންކުން ވަނީ ނިންމާފައެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި އެ ހިދުމަތް ހޯދޭނެ ފަސޭހަ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ.
ބީއެމްއެލް އިން ގެނައި ބަދަލާއި ގުޅޭ ގޮތުން އެ ބޭންކްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ލުއިފަސޭހަކޮށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ވަރަށް ގިނަ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރި ފަށައިގަންނަ ފަރާތްތަކުން އެދެމުން ދިޔަ ކަމަށެވެ. އެ ބަދަލު ގެނެސްފައިވަނީ ކަސްޓަމަރުން ދިން ހިޔާލާއި އެއްގޮތަށް ކަމަށްވެސް މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
"މިވަގުތު ބީއެމްއެލް ޕޭމަންޓްގޭޓްވޭ ގެ ހިދުމަތް ހޯދާ 112 މަރޗަންޓުން އެބަތިބި. އަދި މިދިޔަ އަހަރު އަޅުގަނޑުމެންގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭ." މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު މިއަދު ބީއެމްއެލް އިން އަންނަނީ ޕޭމަންޓް ގޭޓްވޭގެ އިތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ދެމުންނެވެ. މީގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިންގ އަދި ޑިޖިޓަލް ވޮލެޓްގެ ޚިދުމަތްވެސް ހިމެނެއެވެ. ބޭންކުގެ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް ބޭނުންކޮށްގެން މިދިޔަ އަހަރު 40 މިލިއަނަށްވުރެ ގިނަ މުޢާމަލާތްކޮށްފައިވެއެވެ. މިއީ މުޅި ބޭންކް މެދުވެރިކޮށް ހިންގޭ މުޢާމަލާތްތަކުގެ 90 އިންސައްތައަށްވުރެ ބޮޑު އަދަދެކެވެ.