ވީއައިއޭގައި ފްލައިޓްތަކެއް: ފައިލް ފޮޓޯ އެމްއޭސީއެލް

ވީއައިއޭގެ ފްލައިޓް މޫވްމަންޓް ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ފްލައިޓް މޫވްމަންޓް ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

އެއާޕޯޓް ހިންގަމުން އަންނަ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި އެއާޕޯޓްގެ ރަންވޭ މޫވްމެންޓް މިމަހުގެ 24 ވަނަ ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އެ ދުވަހު 219 ރަންވޭ މޫވްމެންޓް ރެކޯޑް ކުރެވިފައިވާ ކަމަށާއި މިއީ އެއް ދުވަހެއްގައި ރެކޯޑް ކުރެވުނު އެންމެ ގިނަ ރަންވޭ މޫވްމެންޓް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި މީގެ ކުރިން އެންމެ ގިނަ ރަންވޭ މޫވްމެންޓް ރެކޯޑް ކުރެވިފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުއެވެ. އެ ދުވަހު 214 ރަންވޭ މޫވްމެންޓް ރެކޯޑް ކުރެވިފައިވެއެވެ.

ވީއައިއޭފެ ސީޕްލޭން މޫވްމެންޓްގެ އަދަދު މިމަހުގެ ތިން ވަނަ ދުވަހު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އެ ދުވަހު 531 ސީޕްލޭން މޫވްމެންޓް ވަނީ ރެކޯޑް ކުރެވިފައެވެ. އޭގެ ކުރިން އެންމެ ގިނަ ސީޕްލޭން މޫވްމެންޓް ރެކޯޑް ކުރެވިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު ރެކޯޑް ކުރެވިފައިވަނީ 517 ސީޕްލޭން މޫވްމެންޓެވެ.