ތިން ސްޓާޓް-އަޕްއަކަށް އުރީދޫން އިންވެސްޓްކޮށްދެނީ
އުރީދޫ މޯލްޑިވްސްގެ "ނިރު އެކްސެލެރޭޓާ" ޕްރޮގްރާމް ގެ ތިން ސްޓާޓް-އަޕް އަކަށް އިތުރު އިންވެސްޓްމަންޓް ފޯރުކޮށްދޭން އުރީދޫން ނިންމައިފިއެވެ.
ތިން ސްޓާޓް-އަޕް އަކަށް އިތުރު އިންވެސްޓްމަންޓް ފޯރުކޮށްދޭން ނިންމާފައިވާކަން އުރީދޫން އިއުލާނުކުރީ ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އުރީދޫން ވަނީ "ނިރު އެކްސެލެރޭޓާ" ގެ ފުރަތަމަ ޑެމޯ ޑޭ ބާއްވައި އެކްސެލެރޭޓާ ޕްރޮގްރާމް ފުރިހަމަކުރި ތިން ސްޓާޓް-އަޕް ކުންފުނިތަކުގެ ހިދުމަތް ދައްކާލާފައެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން އިތުރު އިންވެސްޓްމަންޓްތައް ދޭން ނިންމި ތިން ވިޔަފާރިއަކީ "އައިޑިއަނައިޒް" އާއި "ކުނބު" އަދި "ބީ2ބީ މޯލްޑިވްސް" އެވެ.
"އައިޑިއަނައިޒް" އަކީ ފަސޭހައިން ދޭހަވާނެ ގޮތަށް ޖަވާބު ފޯރުކޮށްދޭ ކޮންވަސޭޝަން އޭޖެންޓް ނުވަތަ ޗެޓްބޮޓް ފަރުމާކޮށް، ވިޔަފާރިތައް ޑިޖިޓަލައިޒްކޮށްދޭ ކުންފުންޏެކެވެ. "ކުނބު" އަކީ ފަސޭހައިން އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓް ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ހިދުމަތެކެވެ. އޭގެ އިތުރުން އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް ހިމެނެއެވެ. "ބީ2ބީ މޯލްޑިވްސް" އަކީ އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއުޝަންތައް ދޯރުކޮށްދޭ ޕްލެޓްފޯމެކެވެ.
އުރީދޫގެ "ނިރު އެކްސެލެރޭޓާ" އަކީ ދިވެހި މުޖުތަމައަށް މަންފާކުރުވާ އީޖާދީ އުފެއްދުންތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ ނިރުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ދިޔައީ ވަރަށް ކާމިޔާބުކަމާއެކު ކަމަށެވެ. އަދި އުފެއްދުންތެރި މަސައްކަތަށް ޝައުގުވެރިވާ ޓީމްތަކެއް ހިމެނުމަކީ، އުރީދޫއަށް ލިބުނު އުފަލެއް ކަމަށް ވިދާޅުވިއެވެ.