އެމްޕީއެލް ސަރަހައްދު: ފައިލް ފޮޓޯ ކަސްޓަމްސް

ރާއްޖެއަށް މުދާ އިމްޕޯޓް ކުރި މިންވަރު ދަށަށް ހިނގައްޖެ

މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު، ރާއްޖެއަށް މުދާ އިމްޕޯޓްކުރެވުނު މިންވަރު ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ނިމިގެންދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.

މުދާ އިމްޕޯޓް ކުރެވުނު މިންވަރު ދަށްވި ނަމަވެސް ރާއްޖެއިން މުދާ އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު އިތުރުވެފައެވެ. މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން 264 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 228 މިލިއަން ރުފިޔާގެ މުދަލެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 240 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 254 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.