މުލީ އެއާޕޯޓް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ޕްލޭނިން މިނިސްޓްރީ

މުލީ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއަށް

މ. މުލީގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަަލް ފާތިމަތު ޝާނާ ފާރޫގެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި، އެ މަޝްރޫއުގެ އަގަކީ 221.73 މިލިއަން ރުފިޔާއެވެ. 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށްވަނީ ކަނޑައަޅާފައެވެ.

މުލީ އެއާޕޯޓް މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމުގެ އިތުރަށް ބޭނުންވާ ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް، މި މަޝްރޫއުގެ ދަށުން އެމްޓީސީސީއިން ކުރަން ޖެހޭނެއެވެ. އޭގެ އިތުރުން 1200 މީޓަރު ރަންވޭއެއް ހެދުމާއި ޓާމިނަލް އިމާރާތް ހެދުމުގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް އެމްޓީސީސީއިން ގާއިމުކުރަން ޖެހޭނެއެވެ.