ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
ބަހްރެއިންގެ ގައުމީ އެއާލައިން، ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 ނިއޯ މަރުކާގެ ފްލައިޓެކެވެ.
ބަހްރެއިން އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ފަސް ފްލައިޓް ބޭއްވުމަށް އެ އެއާލައިނުން ވަނީ ނިންމާފައެވެ.
ގަލްފް އެއާއިން ހާމަ ކުރާ ގޮތުގައި ބަހްރެއިން އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ގަޑިން ރޭގަނޑު 23:20 ގައެވެ. ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނީ ރާއްޖޭ ގަޑިން ހެނދުނު 06:25 ގައެވެ.
ރާއްޖެއަށް ދަތުރުކުރުމަށްފަހު އެ ފްލައިޓް ރާއްޖޭ ގަޑިން ހެނދުނު 07:25 ގައި ސްރީލަންކާގެ ކޮލަމްބޯއަށް ދަތުރުކުރާނެއެވެ. ކޮލަމްބޯ އިން ރާއްޖެ އައުމަށް އެ ފްލައިޓް ފުރާނީ ލަންކާ ގަޑިން ހަވީރު 16:55 ގައެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނީ ރާއްޖޭ ގަޑިން 17:55 ގައެވެ. އެއަށްފަހު ބަހްރެއިނަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާނީ ރާއްޖޭ ގަޑިން 18:55 ގައެވެ. ބަހްރެއިން އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓް ޖައްސާނީ އެގައުމުގެ ގަޑިން ރޭގަނޑު 22:05 ގައެވެ.