އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ދަނީ: ފައިލް ފޮޓޯ އެމްޓީސީސީ

ތިން އެއާޕޯޓަކަށް ރަންވޭ ލައިޓް ހޯދަން އިއުލާނުކޮށްފި

މާވަރުލު، ފުނަދޫ އަދި ކުޅުދުއްފުށި އެއާޕޯޓަށް ބޭނުންވާ އެއާޕޯޓް ރަންވޭ ލައިޓިން ސިސްޓަމް ފޯރުކޮށްދީ، އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އެދުމަށް ފިނޭންސް މިނިސްޓްރީން ކުރި އެ އިއުލާނުގައި ވަނީ އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ.

ތިން އެއާޕޯޓްގެ މަސައްކަތްވެސް އިއުލާނުކޮށްފައިވަނީ ވަކިވަކިންނެވެ. ކޮންމެ މަޝްރޫއެއްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 38550 ރުފިޔާ ދައްކަން ޖެހެއެވެ.

އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިން ކަމަށާއި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އިއުލާނުގައިވެއެވެ.

ކުޅުދުއްފުށި އެއާޕޯޓަށް މިހާރު ޝެޑިއުލް ފްލައިޓް ދަތުރުތައް ދަނީ ބާއްވަމުންނެވެ. މާފަރު އެއާޕޯޓް މާދަމާ ހުޅުވައި، ޝެޑިއުލް ދަތުރުތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.