މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ ތެރެއިން: ފައިލް ފޮޓޯ ފޭސްބުކް މާފަރު އެއާޕޯޓް

އެއާޕޯޓެއް ހިންގަން ބޭރުގެ ފަރާތަކަށް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: މިނިސްޓަރު އަސްލަމް

ރާއްޖޭގެ އެއްވެސް އެއާޕޯޓެއް، ހިންގުމަށް ބޭރުގެ ފަރާތަކަށް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓަރު އަސްލަމް އެހެން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މާފަރު އެއާޕޯޓް ހިންގުމާއި، އޮޕަރޭޓް ކުރުމާއި ގުޅޭ ގޮތުން މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައި އޮތީ އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްގެން މާފަރު އެއާޕޯޓްގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެއާޕޯޓް ތަރައްގީ ކުރި ފަރާތަށް، އެއާޕޯޓް ހިންގަން ނުދިން ސަބަބާއި ގުޅޭ ގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ ބޭރުގެ ފަރާތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގަން ދިނުމަކީ ބަޔަކު އެކަމާ ބިރުގަންނަ ކަމެއްކަން ރާއްޖެ ތަޖުރިބާކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ އެއްވެސް އެއާޕޯޓެއް ބޭރުގެ ފަރާތަކާއި ހަވާލުނުކުރުން ކަމަށް ވިދާޅުވެ މިނިސްޓަރު އަސްލަމް ވިދާޅުވީ ސިޔާސަތުތަކަކީ ހާލަތާއެކު ބަދަލުވާ އެއްޗެއް ކަމަށެވެ.

މާފަރު އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށްވުމުން، އެ އެއާޕޯޓަށް ރާއްޖޭގައި އޮޕަރޭޓްކުރާ ޑޮމެސްޓިކް އެއާލައިންތަކާށް ދަތުރު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.