ކާރު ޕާކްކުރަން 10 ޖާގަ ބީލަމަށް

ހުޅުމާލޭ ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކިންއަށް ޖާގަ ކުއްޔަށް ދޫކުރަން އާބަންކޯއިން ހުޅުވާލައިފި އެވެ.

އާބަންކޯ އިން ވަނީ ބީލަމުގެ އުސޫލުން 10 ޖާގަ ހުޅުވާލާފަ އެވެ. އެއް އަހަރަށް ދޫކުރާ މި ޖާގަތަކުގެ ބީލަން ފެށޭ އަގަކީ 1،500 ރުފިޔާ އެވެ.

އުމުރުން 18 އަހަރުވެފައިވާ ދިވެހިންގެ ތެރެއިން އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ޕާކު ކުރަން ބޭނުންވާ ކާރު އޮތް މީހަކަށް މި ބީލަމުގައި ބައިވެރިވެވޭއިރު އެ މީހަކީ އާބަންކޯ މިވަގުތު އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެ އެވެ.

އާބަންކޯ އިން ބުނި ގޮތުގައި މި ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު އަދި އެ ނޭބަހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓު ވަނީ ކަނޑައެޅިފަ އެވެ.