ވިޔަފާރީގެ ދާއިރާއިން އެހީވުމާއި ގުޅޭ އެއްބަސްވުމެއްގައި ޗައިނާއާއެކު ސޮއިކޮށްފި
ވިޔަފާރީގެ ދާއިރާއިން ރާއްޖެއަށް ދިމާވާ ދަތިތަކުގައި ޗައިނާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާގެ މާކެޓް ރެގިއުލޭޝަން އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރު ޒޭންގް މާއޯ އެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޗައިނާއާއެކުވި އެ އެއްބަސްވުމާއެކު ކުރިއަށް އޮތް ދުވަސްތަކުގައި، ޗައިނާގެ ވިޔަފާރީގައި ހިމެނޭ ދާއިރާތަކުގެ ތަޖުރިބާކާރުންނާއެކު ރާއްޖެއަށް މަސައްކަތް ކުރެވޭނެ ކަމަށެެވެ. އަދި ރާއްޖޭގެ ފަންނީ ދާއިރާތަކަށްވެސް ޗައިނާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
އެ އެއްބަސްވުމުގައި ހިމެނޭ ކަންކަން ކުރުމަށް ވޯކްޝޮޕްތަކާޢި ކޮންފަރެންސްތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.