ރަސްމިއްޔާތެއްގައި މިނިސްޓަރު އަމީރް ވާހަކަ ދައްކަވަނީ: ފައިލް ފޮޓޯ ފިނޭންސް މިނިސްޓްރީ

ފަތުރުވެރިކަން 35 އިންސައްތަ އާހަމައަށް ދަށްވާނެ ކަމަށް ލަފާކޮށްފި

ކޮވިޑް-19 އާ ގުޅިގެން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ އަދަދަކަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރް ވިދާޅުވެއްޖެއެވެ.

މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި ނާޒުކު ހާލަތަކަށް ގޮސްދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓަރު އަމީރް ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކުރީގެ އަންދާޒާތަކަށް ބަލައި، މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި އަންދާޒާކޮށްފައިވާނީ މިއަހަރު 1.86 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު 12 އިންސައްތަ އާއި 35 އިންސައްތައާ ދެެމެދުގެ އަދަދަކަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު އަމީރް ވިދާޅުވިއެވެ.

މިނިސްޓަރު އަމީރް ވިދާޅުވި ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 380،928 ފަތުރުވެރިންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި 173،347 ފަތުރުވެރިންނާއި ފެބްރުއަރީ މަހު ރާއްޖެ ޒިޔާރަތްކުރި 149،786 ފަތުރުވެރިންނާއި މާޗް މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ޒިޔާރަތްކުރި 57،795 ފަތުރުވެރިން ކަމަށް މިނިސްޓަރު އަމީރް ވިދާޅުވިއެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު، މާޗް މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 34.7 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މިނިސްޓަރު އަމީރް ވިދާޅުވިއެވެ. މިނިސްޓަރު އަމީރް ވިދާޅުވި ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 339،362 ބެޑް ނައިޓް ބުކިން ލިބުނުއިރު، 198،120 ބެޑް ނައިޓް ކެންސަލޭޝަން ލިބިފައިވެއެވެ.

މިނިސްޓަރު އަމީރް ވިދާޅުވީ މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރު ޓޫރިޒަމް ދާއިރާގެ ބެޑް ނައިޓްސް އަށެއް އިންސައްތަ އާއި 21 އިންސައްތާ ދެމެދުގެ އަދަދަކަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި އީރާން، ބަންގްލަދޭޝް، އިޓަލީ، ސްޕެއިން ހިމެނެއެވެ.