އަމިއްލަ ފުށި ރިސޯޓުގައި ފަތުރުވެރިންތަކެއް: ފައިލް ފޮޓޯ އަމިއްލަ ފުށި ފޭސްބުކް

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ މިދިޔަ މަހު

ވޭތުވެދިޔަ 13 އަހަރަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ނިމިގެންދިޔަ އެޕްރީލް މަހު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި މިއީ ސުނާމީއަށް ފަހު 2000 ގެ އަހަރުތަކުގައި އައި ޓޫރިސްޓް އިތުރުވުމަށް ފަހު އައި އެންމެ ބޮޑު އިތުރުވުމެވެ.

މިދިޔަ އެޕްރީލް މަހު ރާއްޖެއަށް 163،114 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 119،713 ފަތުރުވެރިން ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި މިއީ 36.3 އިންސައްތައިގެ އިތުރުވުމެކެވެ.

މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 646،092 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 539،816 ފަތުރުވެރިންނެވެ.