ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް-- ފޮޓޯ: ޕީއެސްއެމް ނިއުސް

ދެ އަހަރުގެ ތެރޭގައި ދަރަނި 73 އިންސައްތަ އިތުރުވެއްޖެ

ފާއިތުވެ ދިޔަ ދެ އަހަރު ދުވަހު ރާއްޖޭގެ ދަރަނި 73 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން އާންމުކުރި 2018 ވަނަ އަހަރުގެ ފަހު ކުއާޓާގެ ޑެޓް ބުލެޓިންގައި ބަޔާންކޮށްފައިވާ ގޮތުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ދައުލަތުގެ ދަރަނި ވަނީ 18.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އޭރުގެ ސަރުކާރުން ވަނީ އެ މުއްދަތުގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ނެގި ލޯނުތަކަށް ގެރެންޓީ ދީފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ޑެޓް ބުލެޓިންގައި ބަޔާންކޮށްފައިވާ ގޮތުން 2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 72 އިންސައްތައިގައެވެ.