އާސަންދައަށް ކަނޑައެޅި ބަޖެޓު ހުސްވެއްޖެ

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި، އާސަންދައަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް ހޭދަކޮށްފިއެވެ.

ދައުލަތުގެ ބަޖެޓުގައި އާސަންދަ އަށް މިއަހަރު ކަނޑައަޅާފައިވަނީ 1 ބިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީން އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ އަށް 1.084 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުން އާސަންދައަށް ކަނޑައެޅި ބަޖެޓު ހުސްވެފައިވާއިރު، އިންޑިއާ، ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ދިނުމަށް "މެރަނާ" ނަމުގައި ސްކީމެއް މިއަހަރު ވަނީ ތައާރަފުކޮށްފައެވެ.

އާސަންދައިން މީގެ ކުރިން ބުނެފައިވާ ގޮތުން "މެރަނާ" ސްކީމުގައި ބައިވެރިވުމުން ހުސްނުވާ އާސަންދައިގެ ހިދުމަތެއް އެ މީހަކަށް ނުލިބޭނެއެވެ. ހުސްނުވާ އާސަންދައަކީ އޭގައި ލިމިޓެއް ކަނޑައެޅިފައިވާ ސްކީމެއް ނޫނެވެ. ނަމަވެސް މެރަނާ ސްކީމުގައި ވަނީ ލިމިޓް ކަނޑައެޅިފައެވެ.

އިންޑިއާ އަދި ސްރީލަންކާގައި އާސަންދައިގެ ހިދުމަތް މިހާރު ދެނީ އިމަޖެންސީ ހާލަތްތަކުގައި އެކަންޏެވެ.

ސަރުކާރު ހިންގުމާއި މުވައްޒަފުންގެ މުސާރައާއި މަޝްރޫތައް ހިމެނޭ ގޮތަށް، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 24 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.