ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކަށްފަހު ރައީސް ރާއްޖެ ވަޑައިގަންނަވަނީ: ފައިލް ފޮޓޯ ރައީސް އޮފީސް

ސަރުކާރުގެ ދަތުރު ހަރަދުތަކަށް 160 މިލިއަން ރުފިޔާ

ސަރުކާރުގެ ދަތުރު ހަރަދުތަކަށް، 160.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މިންވަރަކީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ދަތުރު ހަރަދުތަކަށް ހޭދަވި މިންވަރެވެ.

ސަރުކާރުގެ ދަތުރުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 142.1 މިލިއަން ރުފިޔާއެވެ. ބަޖެޓްގައި ދަތުރުތަކަށް ކަނޑައަޅާފައިވާ އަދަދަށްވުރެ 18.5 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް އަދި ކެޕިޓަލް ހަރަދަށް ދައުލަތުން 20.39 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.