އެއާޕޯޓްގެ މަސައްކަތް ހިނގަމުންދާ ގޮތް ފިނޭންސް މިނިސްޓަރު ބައްލަވާލައްވަނީ: ފައިލް ފޮޓޯ ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ހަރަދުގެ 76 އިންސައްތަ ރިކަރަންޓަށް

މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހޭދައިގެ 76 އިންސައްތައަކީ ސަރުކާރު ހިންގުމުގެ ރިކަރަންޓް ހަރަދު ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކުރި ޖުމްލަ ހޭދަ 19 ބިލިއަން ރުފިޔާއަށް އަރައެވެ.

ދައުލަތުގެ މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތަކަށް 7.39 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އިދާރީ ގޮތުންނާއި ހިންގުމަށް ކުރަންޖެހޭ ހަރަދުގެ ގޮތުގައި 6.48 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 4.7 ބިލިއަނަށްވުރެ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އާމްދަނީ އާއި އެހީގެ ގޮތުގައި އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 18.11 ބިލިއަން ރުފިޔާއެވެ.