އާސަންދަ އާއި ސަބްސިޑީޒަށް ކުރި ހަރަދު އިތުރުވެއްޖެ

ދައުލަތުން އާސަންދަ އާއި ސަބްސިޑީޒަށް ކުރި ހަރަދު އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 425.5 މިލިއަން ރުފިޔާ އަދި ސަބްސިޑީޒަށް 506.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ހޭދަވީ 274.1 މިލިއަން ރުފިޔާއެވެ. އަދި ސަބްސިޑީޒަށް ހޭދަކޮށްފައިވަނީ 271.3 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި އާސަންދައަށް 950.8 މިލިއަން ރުފިޔާ އަދި ސަބްސިޑީޒަށް 1.04 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މިއަހަރުގެ އެޕްރީލް އަދި މޭ މަހުގެ ކަރަންޓް ބިލުގެ 40 އިންސައްތަ އަދި ފެން ބިލުގެ 30 އިންސައްތަ ސަބްސިޑައިޒްކޮށްދޭން ނިންމާފައިވާކަން ސަރުކާރުން ވަނީ މީގެ ކުރިން އިއުލާނުކޮށްފައެވެ.

ވައިރަސް ފެތުރެމުންދާތީ ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. އެއާއެކު ފަތުރުވެރިން އައުން މިހާރު ވަނީ ހުއްޓިފައެވެ. ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ ބޮޑު އެއް ދާއިރާ ކަމުގައިވާ ފަތުރުވެރިކަން ހުއްޓި ދައުލަތަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.