ކުޑަހުވަދޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބައިވަޑައިގަންނަވަނީ

ދަތުރުތަކަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް 41 މިލިއަން ރުފިޔާ ހަރަދުކޮށްފި

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި، ސަރުކާރުގެ ދަތުރުފަތުރުތަކަށް ކަނޑައަޅާފައިވާ އަދަދަށްވުރެ 41.3 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ސަރުކާރުގެ ދަތުރުފަތުރުތަކަށް 183.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުގެ ދަތުރުތަކަށް ދީފައިވަނީ 142.1 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ޖުމުލަ ހަރަދު ވަނީ 22.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރެއިން 75 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ.

ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް މިހާތަނަށް 3.8 ބިލިއަން ރުފިޔާ ބޭނުންކޮށްފައިވާއިރު އާސަންދައަށް 976.8 މިލިއަން ރުފިޔާ ބޭނުންކޮށްފައިވެއެވެ.

ސަރުކާރުން މިއަހަރު ސަބްސިޑީ ދިނުމަށް 1.26 ބިލިއަން ރުފިޔާ، ކަނޑައެޅިއިރު އޭގެ ތެރެއިން 1.16 ބިލިއަން ރުފިޔާ ސަބްސިޑީއަށް ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.