އެމްއެމްއޭ އިން ބޭއްވި ހަފުލާއެއްގައި ގަވަރުނަރު އަހުމަދު ނަސީރު ވާހަކަ ދައްކަވަނީ: ފައިލް ފޮޓޯ އެމްއެމްއޭ

އެމްއެމްއޭ އިން ޑިޖިޓަލް ކަރަންސީއާ ދިމާލަށް

ފައިސާގެ މުއާމަލާތްތައް ކުރުމުގައި ނަގުދު ފައިސާއަށް ބަރޯސާނުވެ، ޒަމާނީ ފެންވަރުގައި ޑިޖިޓަލްކޮށް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް 38 އަހަރު ފުރުން ފާހަގަކުރުމަށް ރޭ  ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ޒަމާނީ ވިސްނުން ހުރީ ޑިޖިޓަލް ކަރަންސީ އާ ދިމާލަށް ކަމަށެވެ.

އެމްއެމްއޭގެ އަމާޒަކީ ޓެކްނޮލަޖީ ގޮތުން ކުރިއެރުންތައް ހޯދާ އިންގިލާބީ އަދި އީޖާދީ ބަދަލުތައް ދާއިރާއަށް ގެނައުން ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ އެއް މަޝްރޫއަކީ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް. މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ނަގުދު ފައިސާއަށް ބަރޯސާނުވެ އެންމެ ޒަމާނީ ފެންވަރުގައި ޑިޖިޓަލްކޮށް ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެ." ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.

ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވި ގޮތުގައި އެމްއެމްއޭގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު ނިންމުމެވެ.