ފިނޭންސް އިން އާންމުކުރި ތަފާސްހިސާބުތައް

ދައުލަތުގެ ހަރަދު 24 ބިލިއަން ރުފިޔާއަށް

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު 24 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ ހަރަދު ވަނީ 24 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ، 24.67 ބިލިއަން ރުފިޔާގައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ހަރަދުގެ 70 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އަދި 30 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ. ސެލަރީ، ވޭޖްސް އަދި ޕެންޝަނަށް 8.9 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 7.6 ބިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީއަށް 2.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ހެލްތު މިނިސްޓްރީއަށް 1.9 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. ޕްލޭނިން މިނިސްޓްރީއަށް 2.2 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް 1.5 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.