ޕޯޓްސް ސަރަހައްދު: ފައިލް ފޮޓޯ މޯލްޑިވްސް ޕޯޓްސް

ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު އިތުރުވެއްޖެ

ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 56 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި އަދަދުވަނީ 4.3 ބިލިއަން ރުފިޔާ އަށް އިތުރުވެފައި ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު، މިއަހަރުގެ ޖުލައި މަހު ކަސްޓަމްސްގެ އާމްދަނީ ވަނީ 31 އިންސައްތަ އިތުރުވެފައެވެ. ކަސްޓަމްސް އާމްދަނީއަށް މިދިޔަ އަހަރުގެ ޖުލައި މަހު 241 މިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ ޖުލައި މަހު އެ އަދަދުވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ،  ޔޫ.އޭ.އީ، ޗައިނާ އަދި ސިންގަޕޯ އެވެ. އޮމާން އިން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 698 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޔޫ.އޭ.އީ އިން 550 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.