ރައީސް އިބްރާހީމް މުހައްމަދު ސާލިހް: ފައިލް ފޮޓޯ ރައީސް އޮފީސް

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް މިއަދު ތަސްދީގު ކުރެއްވި، އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ މިމަހުގެ ހަތަރު ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 75 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

އެ ގާނޫނުގެ ދަށުން ފަރުދުންގެ ޓެކްސް ބިނާކޮށްފައި ވަނީ ޓެކްސް ބިނާކުރެވޭ އާމްދަނީން ފަސް ބްރެކެޓެއްގެ ދަށުން ޓެކްސް ނެގުމުގެ މައްޗަށެވެ. އެގޮތުން ޓެކްސް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު 1 ގައި ހިމަނާފައި ވަނީ 720،000 ރުފިޔާއިން ފެށިގެން ދަށުން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން 0 އިންސައްތައިގެ ޓެކްސް ނެގުމަށެވެ. ދެވަނަ ބްރެކެޓުގައި ހިމަނާފައި ވަނީ 720،000 ރުފިޔާއާއި 1200،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ 5.5 އިންސައްތަ ޓެކްސް ނެގުމަށެވެ. ތިން ވަނަ ބުރެކެޓުގައި ހިމަނާފައި ވަނީ 1200،000 ރުފިޔާ އާއި 1800،000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ އަށެއް އިންސައްތަ ޓެކްސް ނެގުމަށެވެ. އަދި ހަތަރު ވަނަ ބުރެކެޓުގައި ހިމަނާފައި ވަނީ 1800،000 އާއި 2400،000 އާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ 12 އިންސައްތަ ޓެކްސް ނެގުމަށެވެ. އެންމެ ފަހު ބުރެކެޓެއްގެ ގޮތުގައި ހިމަނާފައި ވަނީ 2400،000 އަށްވުރެ ބޮޑުނަމަ 15 އިންސައްތަ ޓެކްސް ނެގުމަށެވެ.

ބޭންކުތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ އެ ބޭންކެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ 25 އިންސައްތަގެ ރޭޓުގައެވެ.

ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ބިލުގައި ދެ ބުރެކެޓެއްގެ ދަށުން ޓެކްސް ނެގުމަށް ހިމަނާފައިވެއެވެ. އެގޮތުން ފުރަތަމަ ބުރެކެޓްގައި ހިމެނެނީ 500،000 ރުފިޔާއަށް ވުރެ ދަށުގެ ޓެކްސް ބިނާކުރެވޭ އާމްދަނީން 0 އިންސައްތަ ޓެކްސް ނެގުމެވެ. ދެވަނަ ބުރެކެޓުގައި ހިމެނެނީ 500،000 އިން މަތީގެ ޓެކްސް ބިނާކުރެވޭ އާމްދަނީން 15 އިންސައްތައިގެ ރޭޓުގައި ޓެކްސް ނެގުމަށެވެ. 
މިބިލުގައި މުވައްޒަފުންގެ ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ޓެކްސް ނެގުމަށްވެސް ފަސް ބުރެކެޓެއް ހިމަނާފައިވެއެވެ. އެގޮތުން މަހެއްގެ މައްޗަށް 60،000 ރުފިޔާއިން ފެށިގެން މަތިން ލިބޭ އުޖޫރައިން ޓެކްސް ނެގުމަށް ފަސް ބުރެކެޓެއް ވަނީ ހިމަނާފައެވެ. އެގޮތުން 60،000 ރުފިޔާއިން ފެށިގެން ދަށުގެ އާމްދަނީން ޓެކްސް ހިމަނާފައި ވަނީ 0 އިންސައްތައިގައެވެ. 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީން ޓެކްސް ނެގުމަށް ހިމަނާފައި ވަނީ 5.5 އިންސައްތައެވެ. 100،000ރުފިޔާއާއި 150،000 ރުފިޔާއާއި ދެމެދުގެ އަދަދުގެ އާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ އަށެއް އިންސައްތައިގައެވެ. 150،000 ރުފިޔާއާއި 200،000 ރުފިޔާއާ ދެމެދުގެ އާމްދަނީން 12 އިންސައްތައިގައި ޓެކްސް ނަގާއިރު 200،000 ރުފިޔާއިން ފެށިގެން މަތީގެ އާމްދަނީން ޓެކްސް ނަގާނީ 15 އިންސައްތައިގައެވެ.


އާމްދަނީ ކަނޑައެޅޭނެ ގޮތްތަކާއި އިސްތިސްނާވާ އާމްދަނީއާ އަދި މި ނޫންވެސް ޓެކްސްއާ ބެހޭ ތަފުސީލުތައް މި ގާނޫނުގައި ހިމަނާފައިވެއެވެ.

މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތެއްގެ އަދި ރާއްޖޭގައި ވަޒަންވެރިވެފައި ނުވި ނަމަވެސް ރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް ހިމެނެއެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވާފައެވެ.

މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު މިޤާނޫނުގެ ދަށަށް ޓެކްސް ނެގުމުގެ ނިޒާމު ބަދަލުކުރުމުން ވިޔާފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ޤާނޫނު އުވިގެންދާނެއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އުވިގެންދާ ޓެކްސްތަކުގެ ތެރޭގައި ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ބ) ދަށުން ނަގަމުން އައި ޓެކްސް ހިމެނެއެވެ. މީގެ އިތުރުން ވަޒީފާއާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ނަގަމުން އައި ރެމިޓެންސް ޓެކްސްވެސް މިއާއެކު އުވިގެންދާނެއެވެ.

ސޭޓު ގާސިމު

ދައުލަތަށް ލާރި ދައްކާފަ މަށަށް ނޯވެ މިހާރު އެކައްޗެއްވެސް