އެއާޕޯޓް ސާވިސް ޗާޖާއި ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 768 މިލިއަން ރުފިޔާ
އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް ދައުލަތަށް 768 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ އިިން ޖޫން މަހުގެ ނިޔަލަށް، އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ދައުލަތަށް 384 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި އެ މުއްދަތުގައި ދައުލަތަށް 24.84 މިލިއަން ޑޮލަރު (382 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ދައުލަތަށް ލިބުނީ 338 މިލިއަން ރުފިޔާއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 340 މިލިއަން ރުފިޔާ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވެއެވެ.
އެއާޕޯޓް ސާވިސް ޗާޖް
އެއާޕޯޓް ސަވިސް ޗާޖަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުން އަތުން، ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރުގެ ރޭޓުގައި ނެގޭ ޓެކުހެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން، މި ޓެކުހުން އިސްތިސްނާވާނެއެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، 1 މޭ 2017 ނުވަތަ އެ ދުވަހުގެ ފަހުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއާޕޯޓް ސަވިސް ޗާޖްގެ އިތުރުން، ނެގޭ ފީއެކެވެ. މި ފީ ނެގޭ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރެވެ. މި ފީއިން އިސްތިސްނާ ކުރެވިފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.