ދައުލަތުގެ ހަރަދު 2.5 ބިލިއަން ރުފިޔާއަށް އަރައިފި
މިއަހަރު ދައުލަތުން ކުރި ހަރަދު، 2.54 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ އަދަދަކީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކުރި ހަރަދެއެވެ.
ދައުލަތުގެ ހަރަދުގެ 65 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އަދި 35 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.
މުސާރައާއި އިނާޔަތް އަދި ޕެންޝަނަށް 831.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ދައުލަތުގެ ހަރަދުގައި ކުރި ދަތުރުފަތުރުތަކަށް 16.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މި މުއްދަތުގައި އާސަންދައަށް 71.9 މިލިއަން ރުފިޔާ އަދި ސަބްސިޑީޒްއަށް 218 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ އިތުރުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް 573.2 މިލިއަން ރުފިޔާ މި މުއްދަތުގައި ހޭދަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 2.58 ބިލިއަން ރުފިޔާއެވެ.
އޭގެ ތެރެއިން 85 އިންސައްތައަކީ ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި 2.19 ބިލިއަން ރުފިޔާ ލިބުނުއިރު، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 381 މިލިއަން ރުފިޔާ އާއި އެހީގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.