މޯލްޑިވިއަންގެ އިންޑިއާ ދަތުރުތައް މެދުކަނޑާލަނީ
ގައުމީ އެއާލައިން، މޯލްޑިވިއަން އިން، އިންޑިއާއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއް ހަފުތާއަށް، އިންޑިއާއަށް ޝެޑިއުލް ބައިނަލްއަގްވާމީ ކޮމާޝަލް ޕަސެންޖާ މަތިންދާބޯޓްތައް ދަތުރުކުރުން މަނާކުރުމަށް އެގައުމުގެ ސިވިލް އޭވިއޭޝަނުން ވަނީ ނިންމާފައެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި، އެ އެއާލައިނުން އިންޑިއާއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ އިންޑިއާގެ ސިވިލް އޭވިއޭޝަނުން ނިންމާފައިވާ ނިންމުމުގެ ސަބަބުންނެވެ. ދަތުރުތައް މެދުކަނޑާލުމުގެ ކުރިން، މޯލްޑިވިއަން އިން އިންޑިއާއަށް ކުރާ އެންމެ ފަހުގެ ދަތުރުތައް ކުރާނީ މާދަމާއެވެ.
މޯލްޑިވިއަން އިން މާދަމާ އިންޑިއާއަށް ކުރާ އެންމެ ފަހު ފްލައިޓްގެ ތަފުސީލު:
މާލެ-ޓްރިވެންޑްރަމް: ފްލައިޓް ނަންބަރު Q2700 ، ހެނދުނު 10:00 (ރާއްޖޭ ގަޑިން)
ޓްރިވެންޑްރަމް-މާލެ: ފްލައިޓް ނަންބަރު Q2701 ، (އިންޑިއާ ގަޑިން 12:45)
މާލެ-ކޮޗިން: ފްލައިޓް ނަންބަރު Q2706 ، 18:00 (ރާއްޖޭ ގަޑިން)
ކޮޗިން-މާލެ: ފްލައިޓް ނަންބަރު Q2707 ، (އިންޑިއާ ގަޑިން 21:00)
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު ސަރުކާރުވެސް ވަނީ ބަންދުކޮށްފައެވެ. މޯލްޑިވިއަން އިން ވަނީ އިއްޔެ އިން ފެށިގެން އެ އެއާލައިންގެ ޓިކެޓް އޮފީސް ބަންދުކޮށްފައެވެ. ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް އެ އެއާލައިނުން ވަނީ އެދިފައެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި އެ އެއާލައިންގެ ކޯލް ސެންޓަރު އަދި ވައިބާ ޕްލެޓްފޯމްގެ ހިދުމަތް އާދިއްތަ އިން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 15:00 އަށް ލިބޭނެއެވެ. ކޯލް ސެންޓަރު އަދި ވައިބާ ޕްލެޓްފޯމުގެ ހިދުމަތް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބަންދުވާނެ ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.