މޯލްޑިވިއަންގެ ހަނިމާދޫ-ކޮޗިން ދަތުރުތައް މިހާރު އޮންލައިންކޮށް ބުކްކުރެވޭނެ

ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ. ހަނިމާދޫ އާއި އިންޑިއާގެ ކޮޗިން އާދެމެދު ކުރާ ދަތުރުތައް މިހާރުން ފެށިގެން އޮންލައިންކޮށް ބުކް ކުރެވޭނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަން އިން ހަނިމާދޫ-ކޮޗިން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. ހަނިމާދޫ އާއި ކޮޗިންއާ ދެމެދު ހަފުތާއަކު ތިން ދަތުރު ބޭއްވުމަށް މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ. މޯލްޑިވިއަން އިން މިހާރުވެސް ދަނީ ހަނިމާދޫ އިން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުތައް ބާއްވަމުންނެވެ.

މޯލްޑިވިއަން އިން މިހާރުވެސް ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ދަތުރުތައް ބާއްވަމުންނެވެ. މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ޑާކާ އާއި ބެންކޮކާއި ޗެންނާއީ އާއި ޝެންގްޒޫ ހިމެނެއެވެ.