މޯލްޑިވިއަންގެ ފްލައިޓެއް: ފައިލް ފޮޓޯ މޯލްޑިވިއަން

ކުޅުދުއްފުށީ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފި

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ. ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް، މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް ވިއްކަން ފަށައިފިއެވެ.

މާލެ-ކުޅުދުއްފުށި އަދި ކުޅުދުއްފުށި-މާލެ ޓިކެޓް އެންމެ ފުރަތަމަ ވިއްކާފައިވަނީ ހަމައެކަނި މާލެއިންނެވެ. އަދި މޯލްޑިވިއަންގެ ވައިބާ ނަންބަރަށް މެސެޖްކޮށްގެން ޓިކެޓް ބުކްކޮށް، ޓިކެޓަށްވާ ފައިސާ އައިލެންޑް އޭވިއޭޝަންގެ ބޭންކް އެކައުންޓަށް ޓްރާންސްފާކުރުމުން ޓިކެޓް ވިއްކާފައިވެއެވެ. ޓިކެޓިން އޮފީސް މެދުވެރިކޮށް ކުޅުފުއްފުށި ޓިކެޓް ވިއްކަން ފެށީ އޭގެ ދުވަސްތަކެއް ފަހުންނެވެ.

މޯލްޑިވިއަން އިން މިހާރު ކުޅުދުއްފުއްޓަށް ދަތުރުކުރަނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ ލައިޓް އަދި ހަރުކޮށްފައިނުވާތީ ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ފްލައިޓް އޮޕަރޭޓެއް ނުކުރެއެވެ.

ކުޅުދުއްފުށި އެއާޕޯޓް މިވަގުތު ހިންގަނީ ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފުންނެވެ. ކުޅުދުއްފުށި އެއާޕޯޓް އެޅުމަށް އެރަށުގެ ކުޅިން ބައެއް ހިއްކާފައިވާއިރު، އެއާޕޯޓް އެޅުމަށް ބައެއް ގެތައްވެސް ވަނީ ނަގާފައެވެ.