އެމްއެމްއޭގެ ގެލެރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އެމްއެމްއޭ

ރާއްޖޭގައި ބޭނުންކުރި ފައިސާ ދައްކައިދޭ ގެލެރީއެއް އެމްއެމްއޭގައި ހުޅުވައިފި

ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކޮށްފައިވާ ތަކެއްޗާއި ފައިސާގެ ނޫޓު އަދި ފައިސާ ފޮތިތައް ދައްކައިދޭ "ކަރަންސީ ގެލެރީ" އެއް، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހުޅުވައިފިއެވެ.

މިއަދު ފާހަގަ ކުރަމުންދާ އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން، އެ ގެލެރީ ރަސްމީކޮށް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އެ ރަސްމިއްޔާތުގައި އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އަހުމަދު ނަސީރާއި ކުރީގެ ގަވަރުނަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ރާއްޖޭގެ ފައިސާގެ ތާރީހު، ރާއްޖޭގެ ފައިސާގެ ކަންތައްތައް ބަލަހައްޓާ އިދާރާގައި ފެންނަން ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެމްއެމްއޭގައި ގާއިމްކޮށްފައިވާ މި ގެލެރީ ހުޅުވާފައި ހުންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 14:00 އަށެވެ. މި ގެލެރީއަކީ ދިވެހިންނާއި ފަތުރުވެރިންނަށްވެސް އާންމުކޮށް ހުޅުވާލާފައިވާ ގެލަރީއެކެވެ.

ރާއްޖޭގައި ފައިސާގެ ގޮތުގައި ބޮލި ގެންގުޅެފައިވެއެވެ. ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ފައިސާގެ ގޮތުގައި ބޮލި ގެންގުޅެފައިވަނީ މީލާދީން 1200 ގެ އަހަރުތަކުގެވެސް ކުރީގައެވެ.