މަސްނިފިކުރާ ނިޒާމް ގާއިމްކުރުމަށް ދޫކުރާ ލޯނަށް އެދުމަށް އިތުރު ފުރުސަތެއް
މަސްދޯނިފަހަރުގައި ލޮނުފެނުން މަސްނިފިކުރާ ނިޒާމް ގާއިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން އިތުރުކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ފިޝަރީޒް ޑިވޮލޮމެންޓް ޕްރޮގްރާމްގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު މިދިޔަ މަހުގެ 25 އަށް ހަމަވުމާ ގުޅިގެން މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތު ލޯނަށް އެދި ހުށަހެޅުމަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެ ލޯނުގެ މަގުސަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަ ވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިވެ މަގުފަހިކޮށްދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި އެ ލޯނުން ޖުމްލަ ދޫކުރެވޭނީ 3،084،000ރ. އެވެ.
އެ ލޯނާ ބެހޭ އުސޫލާއި، ލޯނަށް އެދޭ ފޯމު ސަރުކާރު ރަސްމީ ގަޑީގައި ފިޝަރީޒް މިނިސްޓްރީންނާއި ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އަދި އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މި ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 1 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ އެސް.ޑީ.އެފް.ސީ އިންނެވެ.