ކޮވިޑަށް ޓެސްޓްކުރަން ސާމްޕަލް ނަގަނީ: ފައިލް ފޮޓޯ އެޗްޕީއޭ

ކޮވިޑް: ސިއްހީ ދާއިރާއަށް ކުރެވުނު ހަރަދު 1078 މިލިއަނަށް

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުވި މިންވަރު 1،078.3 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ އަދަދަކީ އޭގެ ކުރީ ހަފުތާއަށްވުރެ 3.4 އިންސައްތަ އިތުރުވުމެކެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކުރެވިފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. އެ އޮތޯރިޓީއަށް 675.1 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. ހެލްތު މިނިސްޓްރީއަށް 163.5 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު އައިޖީއެމްއެޗަށް 59.8 މިލިއަން ރުފިޔާ އަދި ޕްލޭނިން މިނިސްޓްރީއަށް 37.3 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 އާ ގުޅިގެން ކެޕިޓަލް އިކުއިޕްމެންޓަށް 196.8 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު އޮޕަރޭޝަނަލް ސާވިސަސްއަށް 80.9 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. ކޮވިޑް-19 ގުޅޭ ރިޕެއާސް އަދި މެއިންޓަނެންސްއަށް 17.6 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު ދަތުރުފަތުރުތަކަށް 18.9 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.