ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 1.7 ބިލިއަން ރުފިޔާ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މިއީ ޓެކްސްއަށް ކެނޑުމަށްފަހު ލިބުނު ފައިދާއެވެ. މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިދިޔަ އަހަރަކީ ބޭންކްގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބެއް ހޯދުނު އަހަރު ކަމަށެވެ.
" ކޮވިޑްގެ ހާލާތާ ގުޅިގެން ހިންގުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވިކަމުގައި ވީނަމަވެސް، 2021 ވަނަ އަހަރު ވިޔަފާރިން ހަރުދަނާ ނަތީޖާއެއް ހޯދިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އަޅުގަނޑުމެންގެ ޓީމުތަކުން ވަރުބަލިކަމެއްނެތި ކުރި ބުރަމަސައްކަތުން. އަޅުގަނޑުމެން ދޫކުރާ ލޯނުގެ ނިސްބަތްވަނީ އިރުތުވެފަ. އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ރަނގަޅުވެ %2.5 ގައި ހިފެހެއްޓިފައި. މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 3.3 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދަކަށް އައު ލޯނު ދޫކޮށްފައިވޭ." ޓިމް ސޯޔާ ވިދާޅުވިއެވެ.
ޓިމް ސޯޔާ ވިދާޅުވީ މި ނަތީޖާއާއެކު ހަރުދަނާކަމާއެކީ ދެމެހެއްޓެނެވި ގޮތެއްގައި ބޭންކުން ކަނޑައަޅާފައިވާ ސްޓްރެޓެޖީ ހާސިލްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 5.3 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ، ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ.