ބީއެމްއެލް އިން ވެހިކަލް ލޯނު ތައާރަފްކޮށްފި

އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ކުރުމަށް ގަންނަން ބޭނުންވާ ވެހިކަލް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު "ވެހިކަލް ލޯން" ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އެ ލޯނަކީ ރާއްޖޭގައި ވެހިކަލް ގަތުމަށް މަހަކު ދައްކަން ޖެހޭ އެންމެ ކުޑަ އަދަދު ކަނޑައެޅިފައިވާ ލޯނެވެ. އަދި މިއީ ރާއްޖޭގައި އިންސްޓޯލްމަންޓަށް ވެހިކަލް ދޫކުރާ ފަރާތްތަކުން މަހަކު ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތަކަށްވުރެންވެސް ކުޑަ އަދަދެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ލޯނުގައި ރަހުނަކާ ނުލައި 500،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާއިރު ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބެއެވެ. ބީއެމްއެލް "ވެހިކަލް ލޯން" އަށް އެދި ހުށަހަޅާއިރު ގަންނަން ބޭނުންވާ ވެހިކަލްގެ 20 އިންސައްތަ ކަސްޓަމަރު އަމިއްލައަށް ހަރަދު ކުރަންޖެހެއެވެ.

ވެހިކަލް ގަތުމަށްޓަކައި އެ ލޯނު ނެގޭނީ ބީއެމްއެލް އާއެކު އެގްރީމަންޓް ހަދާފައިވާ ރަޖިސްޓާޑް ޑިލަރުންނާއެކުއެވެ. ބީއެމްއެލް ރަޖިސްޓާޑް ޑީލަރުންގެ ގޮތުގައި ހިމެނެނީ ލިޓަސް އޮޓޯމޯބައިލްސް އާއި އެސްޕާޓް މޮޓޯސް ސާވިސަސްގެ އިތުރުން އާރްއައިކޭއައިބީ އޮޓޯމޮޓޯސްއެވެ.

ބީއެމްއެލް ވެހިކަލް ލޯނަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ބޭނުންވާ ލިޔެކިއުންތަކާއެކު ބީއެމްއެލްގެ ކޮންމެ ބްރާންޗްއަކަށްވެސް ހުށަހެޅިދާނެ ކަމަށާއި އިންޓަނެޓް ބޭންކިންއަށް ލޮގިން ކުރުމަށް ފަހު އޮންލައިން ކޮށްވެސް ހުށަހެޅިދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.