ބީއެމްއެލްގެ "އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑް" އަށް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި

މުޖުތަމައަށް ފައިދާ ހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އިފްތިތާހުކޮށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ފަންޑަކީ ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން އިފްތިތާހުކުރެވުނު ފަންޑެކެވެ. މުޖުތަމައަށް ފައިދާ ހުރި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އަމިއްލަ ފަރުދުންނާއި ޖަމްއިއްޔާތަކަށް އެ ފަންޑުން ފައިސާ ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ފަންޑަށް އެދޭ ފަރާތްތަކަށް އަހަރުގެ ހަތަރު ކުއާޓަރަށް ބަހާލައިގެން ކޮންމެ ކުއާޓަރަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ މި ކުއާޓަރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މާޗް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކޮންމެ ކުއާޓަރެއްގައިވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯޒަލެއް ހޮވާ، ޕްރޮޕޯޒަލްގައިވާ ޕްރޮގްރާމް ހިންގުމަށް 50،000 ރުފިޔާ ދޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.