ބީއެމްއެލް އިން އެމްޕޮސް އަދި މާޗަންޓް ޕޯޓަލް ތައާރަފުކޮށްފި
ކާޑާއި އޮންލައިންކޮށް ކަސްޓަމަރުންކުރާ މުއާމަލާތްތައް، ވިޔަފާރިތަކުން ސްމާޓްފޯން ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ބަލައިގަނެވޭ މޯބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕޮސް) ގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.
ބީއެމްއެލް އިން އަލަށް ތައާރަފުކުރި އެމްޕޮސް އެޕް ބޭނުންކޮށްގެން ކްރެޑިޓް، ޑެބިޓް އަދި ޕްރީޕެއިޑް ކާޑުގެ އިތުރުން ތަފާތު ގިނަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ކޮންމެވަގުތަކުވެސް ފައިސާ ބަލައިގަނެވޭނެއެވެ. މިއީ ވިޔަފާރިތަކަށް ލުއި ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ފައިސާ ބަލައިގަނެވޭ އެންމެ ޒަމާނީ އެއް ވަސީލަތެވެ.
އެމްޕޮސް އާއެކު މިއަދު ވަނީ ބީއެމްއެލް މާޗަންޓް ޕޯޓަލްގެ ހިދުމަތްވެސް ތައާރަފްކޮށްފައެވެ. މި ހިދުމަތް ބޭނުންކޮށްގެން ވިޔަފާރިތަކުން ފައިސާ ބަލައިގަތުމަށްޓަކައި އޮންލައިން ނުވަތަ އީމެއިލް މެސެޖަކުން ޕޭމަންޓް ލިންކް ފޮނުވުމާއި، ޓްރާންސްސެކްޝަންތަކުގެ ތަފްސީލް ބަލައިލުމާއި ވިޔަފާރީގެ ރިޕޯޓްތައްވެސް ތައްޔާރުކޮށްލެވޭނެއެވެ. މި ހިދުމަތްތަކާއެކު ފިހާރަތަކުގައި ހުންނަ ކިޔުއާރު ކޯޑް ސްކޭންކޮށްލައިގެންވެސް މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާރ ވިދާޅުވި ގޮތުގައި މިއަދު ތައާރަފުކުރެވުނު ހިދުމަތްތަކާއެކު ބޭނުން ވަގުތަކު ފަސޭހަކަމާއެކު ރައްކާތެރިކޮށް ފައިސާގެ މުއާމަލާތްކުރެވިގެންދާނެއެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ އެންމެހާ ވިޔަފާރިތަކަށާއި އެ ވިޔަފާރިތަކާއެކު މުއާމަލާތްކުރައްވާ ކަސްޓަމަރުންނަށްވެސް މި ހިދުމަތުގެ ފައިދާ ލިބިގެންދިޔުން. މި ހިދުމަތުގެ ސަބަބުން ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމުގެ އިތުރުން ނަގުދު ފައިސާއާ ނުލައި މުޢާމަލާތްކުރާ މުޖުތަމައަކަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ." ޓިމް ސޯޔާރ ވިދާޅުވިއެވެ.
ބީއެމްއެލްގެ ޕީއޯއެސް ނެޓްވަރކް މެދުވެރިކޮށް ކާޑާއި ޑިޖިޓަލް ވޮލެޓް ހިމެނޭ ގޮތަށް ހުރިހާ ކޮންޓެކްޓްލެސް ޕޭމަންޓްތައްވެސް ބަލައިގަނެވޭނެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އަލީ ޕޭ، ގޫގުލް ޕޭ، އަދި އެޕަލް ޕޭ އިން ފައިސާ ދެއްކުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.