ކެމިކަލް ރައްކާކުރަން ތިލަފުށިން ދޫކުރާ ގުދަންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ކެމިކަލް އަދި ނުރައްކާތެރި މުދާ ގުދަންކުރުމަށް ކ. ތިލަފުށިން ކުއްޔަށް ދޭން ނިންމާފައިވާ ވެއާރހައުސްތަކަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކެމިކަލް ރައްކާކުރުމަށް ތިލަފުށިން ވަކި ސަރަހައްދެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
"... ކ.ތިލަފުށީގައި ވަކި ސަރަޙައްދެއް ކެމިކަލް ރައްކާކުރުމަށްޓަކައި ކަނޑައެޅި ވެއަރހައުސިންގ ޔުނިޓްތަކެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިކުންފުނިން ކުރަމުންދާވާހަކަ ވެސް ދަންނަވަމެވެ." އިއުލާނުގައިވެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި ވެއާރހައުސް ޔުނިޓްތައް ކުއްޔަށްދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެވޭނީ މިވަގުތު ކެމިކަލް ގުދަންކުރަމުން ގެންދާ ފަރާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި މުދާ މިވަގުތު ގުދަންކޮށްފައިވާ ފަރާތްތަކަށެވެ. ވެއާރހައުސް ޔުނިޓްތަކަށް އެދޭ ފޯމު ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ކުންފުނީގެ ވެބްސައިޓުންނާއި ކުންފުނީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަދި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހުރިހާ ފަރާތްތަކަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި، މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ. ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑުން ބުނީ އެކަން ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.